ބ. ފިނޮޅަހުން ނެގި ބިމުގެ ކުލީގެ ގޮތުގައި 35 މިލިއަން ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް އޮޑިޓާ ޖެނެރަލް އަންގައިފިއެވެ.
ފިނޮޅަހުގައި ލަގްޒަރީ ވިލާ އެޅުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން ކޯސްޓްލައިންއަށް 50 އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ކުށްޔަކާއި ނުލާ 60،000 އަކަފޫޓު ދީފައިވެއެވެ. އަދި މި ކުންފުނިން އިތުރަށް ލަގްޒަރީ ވިލާ އެޅުމަށް 191،139 އަކަފޫޓަށް އެދުމުން ހައުސިން މިނިސްޓްރީން ވަނީ އެ ކުންފުންޔަށް 191،000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދީފައެވެ. ކުރިން އެ ކުންފުންޏާއި އެކު ވި އެއްބަސްވުމަށް 2013 ވަނަ އަހަރުގެ އޮކްޓޫބަރު 30 ވަނަ ދުވަހު، ދައުލަތުން 191،000 ފޫޓުގެ ބިމެއް ކުއްޔަށް ދިނީ ކުލީގެ ގޮތުގައި ކޮންމެ އަކަފޫޓަކަށް މަހަކު އެއް ރުފިޔާގެ ރޭޓުންނެވެ.
ފިނޮޅަހުގައި ލަގްޒަރީ ވިލާ އެޅުމަށް ހައުސިން މިނިސްޓްރީން 60،000 އަކަފޫޓުގެ ބިން 50 އަހަރަށް އެއްވެސް ކުއްޔަކާ ނުލާ، ކޯސްޓްލައިން އަށް ދިނީ، ލ. ފޮނަދޫ އަދި ދ. ކުޑަހުވަދޫގައި 220 ހައުސިން ޔުނިޓް އެޅުމުގެ ބަދަލެއްގެ ގޮތުގައެވެ. 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު ހަ ވަނަ ދުވަހު 220 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ނިންމާ އެއްބަސްވުމުގައި ސޮއި ކުރީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއީ، ފުރަތަމަ ފިޔަވަހީގައި 128 ހައުސިން ޔުނިޓު އަދި ދެވަނަ ފިޔަވަހީގައި 92 ހައުސިން ޔުނިޓާއި އެކު ޖުމްލަ 220 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކޯސްޓްލައިނާއި، ހައުސިން މިނިސްޓްރީއާ ދެމެދު 220 ހައުސިން ޔުނިޓް އެޅުމަށް އެއްބަސްވުމެއްވެ، އެ އެއްބަސްވުމަށް އެމެންޑްމެންޓެއް ގެނެސްފައި ވާއިރު، މި އެއްބަސްވުމާއި ގުޅޭ އެއްވެސް ލިޔެކިއުމެއް މީރާއަށް ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އޮޑިޓް އޮފީހުން ބުނީ މި އެއްބަސްވުމަށް ގެނެސްފައިވާ އެމެންޑްމެންޓްގެ ދަށުން ފިނޮޅަހުން ކުއްޔަށް ދީފައިވާ ބިމުގެ ކުލީގެ ގޮތުގައި ކޯސްޓްލައިނުން މީރާއަށް އެއްވެސް ފައިސާއެއް ދައްކަމުން ނުދެއެވެ. އަދި މި ސަބަބާއި ހުރެ، ކޯސްޓްލައިނުން ފިނޮޅަހުން ނަގާފައިވާ ބިމުގެ ކުލީގެ ގޮތުގައި މިދިޔަ މޭ މަހު 22 ވަނަ ދުވަހުގެ ނިޔަލަށް 35 މިލިއަން ރުފިޔާ މީރާއަށް ދައްކަން ޖެހެއެވެ.