ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ފިޔަވަޅެއް ނޭޅޭނެ ކަމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވާގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ޖޭއެސްސީގެ ގާނޫނާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނާ އަދި ދިވެހި ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް، ދުސްތޫރީ އިޖްރާއާތުގެ ބޭރުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އަދި މި މައްސަލަ ހުށަހަޅުއްވާފައިވާ ގޮތަށް ޖޭއެސްސީއަށް ބަލައިގަނެ އެ ކޮމިޝަނުން ގޮތް ނިންމައި، ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމުގައި ކަނޑައަޅައި، އަދި އިއްޔެ ޖޭއެސްސީން ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހަޅުއްވާފައިވާ ފޯމު ބަލައިގަތުމަށް ސުޕްރިމް ކޯޓުން ނިންމާފައި ވާކަމަށް ވެސް އެ އަމުރުގައި ވެއެވެ.
އެހެން ކަމުން މި މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެއް ޖޭއެސްސީ އިން ފަނޑިޔާރު އަބްދުﷲ ދީދީ އާމެދު އެއްވެސް ގޮތެއް ނުނިންމުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަދި މި މައްސަލައާ ގުޅިގެން ރައީސް ނަޝީދު ހުށަހަޅުއއްވާފައިވާ ހުށަހެޅުންވުން ތަކުގެ މައްޗަށާ، ގާނޫނު އަސާސީ އަށާއި މިފަދަ ކަންކަމުގައި ވަގުތީ އަމުރު ނެރެން ޖެހޭ ދުސްތޫރީ، ގާނޫނީ އަދި ޝަރުއީ އުސޫލުތަކުގެ މައްޗަށް އަލުން ބެލުމަށާއި ސުޕްރީމް ކޯޓުން މި މައްސަލައާމެދު ވަކި ގޮތެއް ނިންމަންދެއް، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުމާ އަދި މި މައްސަލައާ ގުޅިގެން އެއްވެސް ސިފައެއްގައި ޖޭއެސްސީ އާއި އަދި ދައުލަތުގެ ކަމާބެހޭ އެއްވެސް ފަރާތަކުން ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މިކަމާ ގުޅިގެން ޖޭއެސްސީގެ ކުއްލި ބައްދަލު ވުމެއް މިރޭ 7:00 އަށް ތާވަލްކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.
ޖޭއެސްސީން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފައި ވަނީ މިހާރު ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން ކަމަށެވެ.