ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުންތަކެއް އޮންނަކަމުގެ ތުހުމަތުގައި އިންޑިއާގެ ކޮއިމްބަތޫރުގައި ކުރިއަށް ގެންދިޔަ ރެއިޑުގައި، އައިސިސްގެ މޭސްތިރިއެއް ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ (އެން.އައި.އޭ)އިން ބުދަ ދުވަހު ކޮއިމްބަތޫރުގައި ކުރިއަށްގެންދިޔަ ވަރުގަދަ ރެއިޑްތަކުގެ ތެރެއިން ރެއިޑެއްގައި ހައްޔަރުކޮށްފައިވަނީ މުޙައްމަދު އާޒަރުއްދީން ނަމަކަށް ކިއާ މީހެކެވެ. އޭނާއަކީ އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގެ މޭސްތިރީގެ ގޮތުގައި ހަރަކާތްތެރިވި ޒަހްރާން ހާޝިމުގެ "ފޭސްބުކް ފްރެންޑް"އެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެން.އައި.އޭއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މި ރެއިޑްތަކުން އަތުލައިގަނެވުނު ތަކެތީގެ ތެރޭގައި 14 މޯބައިލް ފޯނު، 29 ސިމް ކާޑު، 10 ޕެންޑްރައިވް، 3 ލެޕްޓޮޕް، 4 ހާޑްޑިސްކް، 1 ޑޮންގްލް، 13 ސިޑީއާއި ޑީވީޑީގެ އިތުރުން 1 ވަޅިއާއި، ކަރަންޓް މުގުރެއްގެ އިތުރުން، 300 އެއާގަން ޕެލެޓް އާއި ލިޔެކިއުންތަކެއް ހިމެނޭކަމަށެވެ.