ބޯޓު ހައިޖެކް ކުރާނެ ކަމަށް ބުނެ ޖެޓް އެއާވޭޒްގެ މަތިންދާބޯޓުގެ ފާހާނާގައި ނޯޓެއް ބޭއްވި އިންޑިއާގެ ވިޔަފާރިވެރިޔާ ބިރުޖޫ ސައްލާ އުމުރަށް ޖަލަށްލައިފިއެވެ.

މި ނޯޓު ފެނިފައިވަނީ ވެރިރަށް ނިއުދިއްލީއިން ވިޔަފާރި މަރުކަޒީ ރަށް- މުމްބާއިއަށް ކުރި ދަތުރެއްގައެވެ. އެއީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކުރި ދަތުރެވެ.

ބިރުޖޫ ސައްލާވަނީ މި ނޯޓު ލިޔެ، ޕުރިންޓު ކުރި ކަމަށް އިއުތިރާފު ވެސް ވެފައެވެ.

މި ނޯޓުގައި ބުނެފައިވަނީ ފްލައިޓްގައި 12 ހައިޖެކަރުންނާއި ގިނަ އަދަދެއްގެ ހަތިޔާރުވެސް ހުންނާނެ ކަމަށާ، ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅިއަށް ފްލައިޓް ޑައިވާޓް ކުރުމަށް ވެސް ޑިމާންޑްކުރާ ކަމަށެވެ.

ބިރުޖޫ ސައްލާ ވަނީ ޖެޓްއެއާވޭޒް އިން ދިއްލީގައި އޮޕަރޭޓް ކުރުން ހުއްޓާލާނެ ކަމަށް އުއްމީދު ކުރާ ކަމަށާ، އެއީ ފްލައިޓް ކްރޫގައި މަސައްކަތް ކުރަމުން އަންނަ އޭނާގެ ލޯބިވެރިޔާ، އޭނާއާއެކު މުމްބާއީގައި ދިރިއުޅެން ބަދަލުވާނެތީ ކަމަށް ބުނެފައެވެ.

ބިރުޖޫ ސައްލާ ހައްޔަރުކޮށްފައި ވަނީ ބޯޓު ޖައްސަންޖެހޭ ހަގީގީ މަންޒިލަށްވުރެ 778 ކިލޯމީޓަރު ދުރުގައި އޮންނަ އަހުމަދުއާބާދުގައި އެމަޖެންސީ ހާލުގައި ބޯޓު ޖެއްސުމަށް ފަހުގައެވެ.

ފްލައިޓް ހައިޖެކް ކުރާނެ ކަމަށް ބުނެ، އަސްލެއް ނެތް ނޯޓެއް ބޭއްވި މައްސަލާގައި އުމުރަށް ޖަލަށް ލުމުގެ އިތުރުން 720725 ޑޮލަރުން ބިރުޖޫ ސައްލާ ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.

ބިރުޖޫ ސައްލާއަކީ އިންޑިއާގައި އަލަށް އެކުލަވާލި އެންޓި ހައިޖެކިންގް ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ޝަރީއަތް ހިންގާ، ހުކުމް ކުރެވުނު މީހާއެވެ. މި ގާނޫނު ބުނާ ގޮތުން ބޯޓު ހައިޖެކް ކުރަން އުޅުމުގެ އެންމެ ކުޑަ އަދަބަކީވެސް އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ބޮޑު އަދަބަކީ މަރުގެ ހުކުމެކެވެ.

މާލީ އަނދަވަޅަކަށް ވެއްޓި، ޖެޓް އެއާވޭޒް އިން މިއަހަރު ވަނީ އެއެއާލައިންގް ފްލައިޓް އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.