ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ތަފްސީލުތައް ހާމަ ކުރުމުން، އިތުބާރު ބޮޑުވެގެން ދާނެ ކަަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވިދާޅުވެއްޖެއެވެ.
އަދީބު ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ނިންމުމާއި ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ. އަދި އަދީބު ފިލާފާނެކަމަށް ބުނެ ބައެއް މެންބަރުން ކަންބޮޑުވުން ދަނީ ފާޅުކުރައްވަމުންނެވެ.
އަދީބުގެ ބޭސްފަރުވާގެ ކަންތަކާއި ގުޅޭގޮތުން މުނާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބުގެ ބޭސްފަރުވާގެ ހައްގު ކަށަވަރު ކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތާ ބެހޭގޮތުން މިވަގުތު ހާމަ ނުކުރާ ބައެއް މައުލޫމާތު އެބަހުރި ކަމަށެވެ. އަދި ކަންކަން ހާމަ ކުރެއްވުމުން، އިތުބާރު ބޮޑުވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް މުނާޒު ވިދާޅުވިއެވެ.
އަދީބު ބޭސްފަރުވާއަށް ދާނީ އިންޑިއާއަށް ކަމަށް މިއަދު ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ހޯމް މިނިސްޓްރީން ބުނެފައިވަނީ އޭނާގެ ސިއްހީ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްހީ ހީދުމަތްދޭ އެއްވެސް ތަނަކުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާ ގުޅިގެން، ރާއްޖެއިން ބޭރުގެ ކަމާގުޅުންހުރި ސިއްހީ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުން ވެސް އިތުރުގޮތެއް ނުފެނުމުން، ކަމާގުޅުންހުރި ސިއްހީ މާހިރުންގެ ލަފާގެމަތިން، ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
އަދި މި ނިންމުމާގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ސަރުކާރުން ހަމަޖައްސާފައި ވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން ބައިވެރިވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހޯމް މިނިސްޓްރީން ބުނީ އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން ކަށަވަރު ކޮށްދޭންޖެހޭ އަސާސީ އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވި ކަމުގައިވިޔަސް އެކަމުގެ ސަބަބުން އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް ނޭޅޭނެކަމާއި، އިންސާފުގެ ކުރިމަށްޗަށް އޭނާ ހާޒިރު ކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.