ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވާ އިރު، އަދީބާއެކު ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ އޮފިސަރުން ބައިވެރިވާނެކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
މިއަދު ހޯމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަދީބުގެ ބޭސް ފަރުވާއަށް ވަޑައިގަންނަވަނީ އިންޑިއާއަށް ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ އޭނާގެ ސިއްހީ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްހީ ހިދުމަތްދޭ އެއްވެސް ތަނަކުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާ ގުޅިގެން، ރާއްޖެއިން ބޭރުގެ ކަމާގުޅުންހުރި ސިއްހީ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުންވެސް އިތުރުގޮތެއް ނުފެނުމުން، ކަމާގުޅުންހުރި ސިއްހީ މާހިރުންގެ ލަފާގެމަތިން، ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
އަދި މި ނިންމުމާގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ސަރުކާރުން ހަމަޖައްސާފައި ވާކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
"ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކުރާ މެޑިކަލް ބޯޑުން، އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވުމަށް ނިންމުމާގުޅިގެން ސަލާމަތީ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އިސްވެ ދެންނެވުނު މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން ބައިވެރިވާނެއެވެ،" ހޯމް މިނިސްޓްރީ
ހޯމް މިނިސްޓްރީން ބުނީ އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން ކަށަވަރު ކޮށްދޭންޖެހޭ އަސާސީ އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވިކަމުގައިވިޔަސް އެކަމުގެ ސަބަބުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް ނޭޅޭނެކަމާއި، އިންސާފުގެ ކުރިމަށްޗަށް އޭނާ ހާޒިރުކުރުމަށް ހުރަސްއެޅޭނެ އެއްވެސްކަމެއް ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.