ކޮންމެ ސަރުކާރެއް އައިކަމުގައި ވިޔަސް ދައުލަތުން ކުރާ ކޮންމެ ކަމެއްގައި ފެނިގެންދަނީ އިހުލާސްތެރިކަމެއް ނެތްކަން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާއަށް ބޭރަށް ދިއުމަށް ހުއްދަ ދިން މައްސަލައިގައި، މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައިގައި ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ އަދީބު ބޭރަށް ފޮނުވާ މައްސަލައަކީ ވަރަށް ސީރިއަށް މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައަކީ ވަގުތުން ވަގުތަށް މަޖިލީހުގެ އެހެން އެއްވެސް މަސައްކަތަކަށް ވުރެ ބޮޑަށް ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިކަމުގެ ހައްސާސްކަން ބޮޑު އަދި މިއީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ މައްސަލައެއް ކަމަށްވާތީ އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެން އެތައް ދުވަހަކު އިންތިޒާރުކުރަމުން ދިޔަ، މަރާލާފައިވާ އެތައް ބައެއްގެ ތަހުގީގުތައް ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅޭނެކަމަށް ފެންނޭ،" މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
އޭނާ ވިދާޅުވީ މި މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްވުރެ މުހިންމު ކަމަކަށް ވާނީ މިކަމާއި ގުޅޭ ކޮމިޓީން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަވަހަށް ބައްލަވާ މިކަމަށް ފިޔަވަޅު އެޅުންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ މިބާވަތުގެ ކަންކަން މި ގައުމުގައި އަބަދުވެސް ފެނިގެންދާ ކަމަށާއި، ކޮންމެ ސަރުކާރެއް އައިކަމުގައިވިޔަސް ދައުލަތުން ކުރާ ކޮންމެ ކަމެއްގައި ފެނިގެންދަނީ އިހުލާސްތެރިކަމެއް ނެތްކަން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދަނީ އަޅުގަނޑުމެންގެ ފައި ދަށުން ދޫވެ، ބޮޑެތި މައްސަލަތަކާއި ބޮޑެތި ކުއްވެރިން ސަލާމަތްވެގެން ދާތަން،" އާދަމް ޝަރީފް އުމަރު
އޭނާ ވިދާޅުވީ މި މައްސަލަތައް ހައްލުވެގެން ދާނީ މަޖިލީހުގައި ތިބި ފަރާތްތަކުން ސީރިއަސް މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި މި ވާހަކަ ދެއްކުމަށްވުރެ ބޮޑަށް މިކަމާއި ގުޅޭ ކޮމިޓީން މި މައްސަލަ ބައްލަވާ ކަމާބެހޭ ފަރާތްތައް މަޖިލީހަށް ހާޒިރު ކުރުވައިގެން މައްސަލަ ބައްލަވާ ފިޔަވަޅު އެޅުމަށް އާދަމް ޝަރީފް ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވާފައެވެ.