ދިވެހިންގެ މެހެމާންދާރީއާއި ލިބިވަޑައިގެންނެވި ލޯތްބާއި ބެހެއްޓެވި ގާތްކަމުން ލިބިވަޑައިގަތީ ބޮޑު އުފަލެއް ކަމަށް އަވައްޓެރި ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން އަދި ލަންކާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ނަމާލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ރާއްޖެއިން ފުރާ ވަޑައިގަންނަވަމުން ދިވެހި ބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންގެ ފަރާތުން ލިބިވަޑައިގެންނެވި މެހެމާންދާރީއާއި ލޯބި އަދި ބެހެއްޓި ގާތްކަމުން ލިބިވަޑައިގަތީ ބޮޑު އުފަލެއް ކަމަށެވެ. އަދި ދާދި އަވަސް މުސްތަގްބަލެއްގައި އަނެއްކާވެސް މިފަދަ ދަތުރެއް ރާއްޖެއަށް ކުރެއްވުމަށް އުންމީދުކުރައްވާ ކަމަށާއި މިއީ ވަރަށްވެސް ކާމިޔާބު އަދި މުހިންމު ދަތުރެއް ކަމަށް ނަމާލް ވިދާޅުވިއެވެ.

ތިޔަ ދެއްވި އެއްބާރުލުމަށް ޝުކުރިއްޔާ!
ނަމާލް ރާޖްޕަކްސަ

ނަމާލް ރާއްޖެއިން ފުރާ ވަޑައިގަންނަވަމުން ދިވެހިން ކުރެއްވި ޓްވީޓްގައި އޭނާ ވަނީ ރާއްޖެއިން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

ނަމާލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވަނީ، ރާއްޖޭގެ ސިޔާސީ ދާއިރާގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. އޭގެ ތެރޭގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ނައިބު ރައީސް ފައިސަލް ނަސީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނެއެވެ. ނަމާލް ވަނީ ރާއްޖޭގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި ވެސް ބައްދަލު ކުރައްވާފައެވެ. އެގޮތުން، މިނިސްޓާ އޮފް ޔޫތް އަހްމަދު މަހްލޫފް، މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ، މިނިސްޓާ އޮފް ފައިނޭންސް އިބްރާހިމް އަމީރު އަދި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސަމާއިލް ފާހަގަ ކުރެވެއެވެ.

ނަމާލް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އެނބުރި ލަންކާއަށް ވަޑައިގެންނެވި އިރު، މިނިސްޓަރު މަހްލޫފް ވެސް ވަނީ އޭނާއާ އެކު ލަންކާއަށް ވަޑައިގެންފައެވެ. މިނިސްޓަރު މަހްލޫފް ވަނީ ލަންކާއަށް ފުރާވަޑާއިގެން ފްލައިޓް ތެރޭގައި ނަމާލާ އެއްކޮށް ނެންގެވި ސެލްފީ އެއް ޓްވީޓް ކުރައްވާފައެވެ.