ޗައިނާ ސަރުކާރާ އެއްވެސް ވަރެއްގެ ގުޅުމެއް ނޯންނަކަމަށް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލުވިކަމާއެކު ކުރިއަރައިގެންދިޔަ ޓެކްނޮލޮޖީ ކުންފުނި، ވާވޭ އިން ބުނެފިއެވެ.

ވާވޭގެ ސައިބާ ސެކިއުރިޓީ ޗީފް ޖޯން ސަފޯކް ވިދާޅުވީ، "އެކަށީގެންނުވާ" އެއްވެސް އަމަލެއް ހިންގުމަށް ޗައިނާއާއި އެހެންވެސް ގައުމެއްގެ ސަރުކާރުން އެކުންފުނީގެ ކިބައިން އެދިފައި ނުވާ ކަމަށެވެ.

މިމޭރުމުން ވާހަކަދައްކަމުން ސަފޯކް ވަނީ، އެކުންފުނީގެ އުފެއްދުންތަކާ، އިންޖިނީއަރިންގް އާއި ކޯޑުތަކުގައި މައްސަލައެއް އުޅޭތޯ ބެލުމަށް ބޭރުގެ ފަރާތްތަކަށް މަރުހަބާ ކިއާކަންވެސް ހާމަކޮށްފައެވެ.

"ދުނިޔޭގެ ކުރިމަތީގައި އަހަރަމެން މިތިބީ އޮރިޔާމާ. އެކަމަކު އެއީ ހަމަ އަހަރަމެން އެގޮތް ބޭނުންވެގެން. އެއީ އަހަރަމެންގެ އުފެއްދުންތައް އިތުރަށް ހަރުދަނާ ކުރުމަށް އެކަމުގެ ސަބަބުން އެހީވެދޭތީ."
ސަފޯކް

އެއްކަމެއް ނޫނީ ހާސް ކަންތައް ފެނުނު ކަމުގައި ވީ ނަމަވެސް ވާވޭ ކުންފުނިން ލަދު ނުގަންނާނެ ކަމަށްވެސް ސަފޯކް ވަނީ ބުނެފައެވެ.

ވާވޭ ކުންފުނިން މިފަދަ މޭރުމަކުން ވާހަކަދައްކާފައި މިވަނީ، ޗައިނާ ސަރުކާރާ އެކުންފުންޏާ ދެމެދު އާދަޔާ ހިލާފު ގުޅުންތަކެއް އޮންނަ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ޓެކްނޮލޮޖީ އެންޑް ސައެންސް ސިލެކްޓް ކޮމިޓީއަށް އެކުންފުނި ހާޒިރުކުރުމުން، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނާ ވާހަކަދައްކަމުންނެވެ.

ވާވޭ ކުންފުންޏާ މެދު ޝައްކުތަކެއް އެންމެ ފުރަތަމަ އުފައްދަން ފެށި އެއް ބަޔަކީ އެމެރިކާއެވެ. އެއީ ވާވޭ ކުންފުނިން ތަރައްގީ ކުރަމުންދާ 5ޖީ ޓެކްނޮލޮޖީއާއި ގުޅިގެންނެވެ.