ލާއިންސާނީ އަނިޔާގެ ސަބަބުން އަމިއްލަ ގައުމުން ނިކުތް ރޮހިންޏާ ދަރިކޮޅުގެ ރެފިއުޖީން އަނބުރާ ގައުމަށް ގެންދިއުމަށް މިޔަންމާގެ ސަރުކާރުން ވީ ވައުދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށް، ރޮހިންޏާ ދަރިކޮޅުގެ އެންމެ ގިނަ ރެފިއުޖީން ދިރިއުޅެމުންދާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާ ވިދާޅުވެއްޖެއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ހަސީނާ ވަނީ، ރެފިއުޖީންގެ ހާލަތު އެގޮތުގައި ބޭވުމަށް ބައިނަލްއަގުވާމީ ބައެއް ޖަމާއަތްތަކުންވެސް ބޭނުންވާ ކަމަށް ތުހުމަތުކުރައްވާފައެވެ.

2017 ވަނަ އަހަރުގެ އޯގަސްޓްމަހު މިޔަންމާ އަސްކަރިއްޔާއިން ހިންގަން ފެށި ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމުގެ ނަމުގައި މިލިއަނެއްހާ މީހުން ވަނީ ބަންގްލަދޭޝްއަށް އެތެރެވެފައެވެ. ރެފިއުޖީންގެ ގޮތުގައި މިމީހުން ދިރިއުޅެމުންދަނީ ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގެ ސަރަހައްދުގައެވެ.

މި ރެފިއުޖީން އަނބުރާ މިޔަންމާއަށް ގެންދިއުމަށް 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު މިޔަންމާގެ ސަރުކާރުން އެއްބަސްވިއެވެ. އެގޮތުން ކޮންމެ ހަފުތާއަކި 1500އެއްހާ ރެފިއުޖީން މިޔަންމާއަށް ބަދަލުކުރަންޖެހެއެވެ.

ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސީނާ ވިދާޅުވީ، މި އުސޫލުން ކަން ހިނގަމުން ނުދާކަމަށެވެ.

ރޯހިންޏާ ދަރިކޮޅުގެ މީހުންގެ މައްސަލާގައި ޗައިނާއާއި ޖަޕާން އަދި އިންޑިއާއަކި މިޔަންމާގެ ސަރުކާރުގެ ކޮޅު ޚިޔާރު ކުރި ގައުމުތަކަށްވާއިރު، އެކަމާ ބެހޭ ގޮތުން ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސީނާ ވިދާޅުވީ، މި ގައުމުތަކާ ވަކިވަކިން ބަންގްލަދޭޝްއިން ވާހަކަ ދައްކާފައިވާނެ ކަމަށާ، ރޮހިންޏާ ދަރިކޮޅުގެ މީހުންނަކީ މިޔަންމާގެ ރައްޔިތުން ކަމުގައި އެ ގައުމުތަކުން ގަބޫލުކުރާކަމަށާ، އެ ރެފިއުޖީން އަނބުރާ މިޔަންމާއަށް ގެންދެވެންޖެހޭނެ ކަމަށްވެސް އެ ގައުމުތަކުން ގަބޫލުކުރާ ކަމަށެވެ.

ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ މިލިއަނެއްހާ ރެފިއުޖީންނާ ބެހޭ ގޮތުން ހަސީނާ އިތުރަށް ވިދާޅުވީ، ރެފިއުޖީން ދިރިއުޅެމުންދާ ސަރަހައްދުގައި ސަލާމަތީ ގޮތުން ކަންބޮޑުވުންތަކެއް އެބަހުރިކަމަށާ، ޖިނާއީ ކުއްތަކަށް ރެފިއުޖީން އަރައިގަންނަމުންދާކަމަށެވެ. އަދި ރެފިއުޖީންނަށް ހާއްސަކޮށްގެން ބަންގްލަދޭޝްއިން ތައްޔާރުކޮށްދިން ރަށަށް ރޮހިންޏާ ރެފިއުޖީން ބަދަލުވާން ބޭނުން ނުވަނީ ކީއްވެތޯވެސް ބޮޑުވަޒީރު ހަސީނާ ވަނީ ސުވާލު އުފައްދަވާފައެވެ.