ގޭމިންގް ކޮންސޯލް އެކްސްބޮކްސް ސީރީޒްގެ އެންމެ ފަހުގެ އިޖާދު ކަމަށްވާ "ޕްރޮޖެކްޓް ސްކާލެޓް" 2020 ވަނަ އަހަރު ބާޒާރަށް ނެރެވޭވަރު ވާނެ ކަމަށް މައިކްރޮސޮފްޓް ކުންފުނިން ބުނެފިއެވެ.

މައިކްރޮސޮފްޓް ކުންފުނިން ބުނީ "ޕްރޮޖެކްޓް ސްކާލެޓް"އަކީ ގޭމިންގް ކޮންސޯލްތަކުގެ ތާރީހުގައި ވެސް ބާޒަރަށް ނެރޭ އެންމެ ތަފާތު ކޮންސޯލްއަށް ވާނެ ކަމަށެވެ.

އީތްރީ ގޭމްސް އެކްސްޕޯގައި ވާހަކަ ދައްކަމުން މައިކްރޮސޮފްޓްއިން ބުނީ "ޕްރޮޖެކްޓް ސްކާލެޓް" ފަރުމާކޮށްފައި ވަނީ އެއަށް ހާއްސަ ޕްރޮސެސަރަކާ އެކުގައި ކަމަށާއި، މި ކޮންސޯލްއަކީ އެކްސްބޮކްސް ވަން އެކްސް އަށްވުރެ ވަރުގަދަ ޑިވައިސްއަކަށް ވާނެކަމަށެވެ.

ނަމަވެސް މި ޑައިވައިސްގެ ބޭރު ފަރުމާ ކުރެވިފައިވާ ގޮތާ، ކޮންސޯލްގެ އަގާ ބެހޭ އެއްވެސް ތަފްސީލެއް މައިކްރޮސޮފްޓް ކުންފުނިން އަދި ހާމަކޮށްފައެއް ނުވެއެވެ.

މިދަނޑިވަޅަކީ މައިކްރޮސޮފްޓްގެ ގޭމިންގް ވިޔަފާރީގެ ވާދަވެރި ސޮނީ ކުންފުނިންވެސް ޕްލޭސްޓޭޝަން 5 އާއި ގުޅިގެން ފޮނި ހުވަފެންތަކެއް ދައްކަމުންދާ ދަނޑިވަޅެކެވެ.