ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހުރިހާ ފަރާތްތައް ޝާމިލް ކުރުމުގެ ސިޔާސަތުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖެ މުހިންމު ވެއްޖެކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގެން ހަ އެއްބަސްވުމެއްގައި ސޮއިކުރައްވާ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވެ ވަޑައިގެންފައިވާ ދަނޑިވަޅެއްގައި ޓުއަރިޒަމް މިިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހުހެ "އިންކުލީސިވް" ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ހަމަޖެހުން ގެނެސްދެއްވައިފި ކަމަށެވެ.

"ރައީސް ސޯލިހުގެ އިންކުލޫސިވް ސިޔާސަތުން ރާއްޖެއަށް ހަމަޖެހުން ގެނެސްދެއްވައިފި. ބޭރު ދުނިޔޭގައި ރާއްޖެ އަނެއްކާ ވެސް މުހިންމުވެއްޖެ. ދިވެހިންގެ އުއްމީދަކީ ދިވެހިންނަށް ފައިދާވާނެ ސިޔާސަތުތަކެއް. އެކަންކަން ހާސިލް ކުރެއްވުމުގައި ރައީސްއަށް ދެއްވާށި" އަލީ
ވަހީދުގެ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ބައެއް ގައުމުތަކާއި އޮންނަ ހާރިޖީ ގުޅުން ކުޑަކޮށް ވަކި ގައުމުތަކާއި އޮންނަ ގުޅުން ބަދަހި ކުރުމުން އެއިރު އިދިކޮޅު ފަރާތްތަކުން އެކަމަށް ފާޑުކިޔާފައިވެއެވެ. އަދި ރައީސް ސޯލިހު ވަނީ ވެރިކަމަށް ވަޑައިގެން ބޭރު ދުނިޔެއާއި އޮންނަ ގުޅުން އަލުން ބަދަހި ކުރައްވާ، ދިވެހި ދައުލަތުން ގުޅުން ކަނޑާލާފައިވާ ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކާއި އެކު އަލުން ގުޅުން ގާއިމްކުރެއްވުމަށް ނިންމަވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގައި ކޮމަންވެލްތުން ވަކިވެފައިވާ އިރު، ޗައިނާއާއި ގުޅުން ބަދަހިކޮށް އަވަށްޓެރި ބައެއް ގައުމުތަކާއި އޮންނަ ގުޅުން ވަނީ ހީނަރު ވެފައެވެ. އަދި އެކަމުގެ ސަބަބުން ބައެއް ދަތިތަކާއި ދިމާވި ނަމަވެސް، އެކަން ކުރަނީ ރާއްޖޭގެ ފައިދާއަށް ކަމަށް އެއިރު ސަރުކާރުން ދިޔައީ ބުނަމުންނެވެ.