ޖުމްހޫރީ މައިދާނުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ލޯންޗުކޮޅުން މޯދީ ފައިބައި ވަޑައިގަތުމުން ފުރަތަމަ މަރުހަބާ ދެންނަވާފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ. ރައީސް މޯދީ އާ ސަލާމް ކުރެއްވުމާއެކު މޯދީ އަށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް ޖުމްހޫރީ މައިދާން ސަރަހައްދުގައި ވަނީ ފަށާފައެވެ.
މޯދީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ފުރަތަމަ ކުރިޔަށް ގެންދިޔަ ހަރަކާތުގައި ގައުމީ ހެދުމުގައި ސްކޫލު ކުދިންގެ ނެށުމުގެ އައިޓަމެއް ވަނީ ދައްކާލާފައެވެ. އިއްޒުއްދީން ފާލަން ސަރަހައްދަށް ސަރުކާރުގެ ކެބިނެޓްގެ ހުރިހާ ވަޒީރުނާއި ރާއްޖޭގެ އިސްވެރިންނާއި ލީޑަރުންގެ އިތުރުން ދައުލަތުގެ އިއްޒަތްތެރިންނާއި މޯދީ ވަނީ ސަލާމް ކުރަށްވާފައެވެ.
އިންޑިއާގައި ނިމި ދިޔަ އިންތިހާބުން ކާމިޔާބު ހޯއްދެވުމަށް ފަހު ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ. ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާ މޯދީ ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި ރައްޔިތުން މަޖިލީހުގައި މޯދީ ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްހޫރީ މައިދާނުގައި މޯދީއަށް މަރުހަބާ ދެންނެވުމަށް ބޭއްވި ހަރަކާތްތަކަށް ފަހު އެމަނިކުފާނު މިހާރު ވަނީ ރައީސް އޮފީހަށް ވަޑައިގެންފައެވެ.