އިންޑިއާގެ ހޮޅީން ނުވަތަ މަލާބާރިންގެ ކިބައިން ދިވެހި ގައުމު ސަލާމަތް ކޮށްދެއްވި ދޮންބަންޑާރައިން ނުވަތަ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނަށް ނިސްބަތްވާ ލަގަބު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް އަރުވަން ސަރުކާރުން ނިންމުމާއެކު، އެކަމުގެ ފާޑުކިއުންތައް ގިނަވެއްޖެއެވެ.

ދިވެހި ސަރުކާރުން މި ލަގަބު، އިންޑިއާގެ ބޮޑުވަޒީރުކަމަށް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވި މޯދީ އަށް މިއަދު އެރުވާތީ ގިނަ ބަޔަކު ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ދަނީ މޯދީ އަކީ ރާއްޖެ ހިފަން ފާޅުގައި ގޮވާލި ޕާޓީގެ ލީޑަރު ކަމުގައި ބުނެ އެ އިއްޒަތް ދިނުމާ ދެކޮޅު ހަދަމުންނެވެ.

ގާނޫނީ ވަކީލަކު ޓްވީޓާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި، އިސްރާއިލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދައުލަތުގެ އެންމެ މަތީ ލަގަބު، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން އަރުވަނީ ކޮން އިރަކުތޯ އައްސަވާ ރައީސް އަށް ސުވާލު އަމާޒު ކުރައްވާފައެވެ. އަދި އެ ދެ ބޭފުޅުންނަށް މި ލަގަބު މޯދީއަށް ވުރެ ބޮޑަށް އެރުވުން އައުލާކަން ބޮޑުކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިޝާން ޣާޒީގެ އިއްޒަތް ނިސްބަތްވަނީ ދޮންބާންޑާރައިންނަށް ކަމަށާއި، އެއީ އިންޑިޔާ މީހުންގެ އަތްދަށުން މިގައުމު ސަލާމަތް ކުރެއްވި ބަތަލު ކަމަށެވެ. އަދި މިއަދު މިޝަރަފު އެރުވެނީ، ފާޅުގައި މިގައުމަށް އަރާ މިގައުމު ހިފަން ގޮވާލި ޕާޓީ އެއްގެ ލީޑަރަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ނިޝާން އިއްޒުއްދީންގެ ލަގަބަކީ ކޮންކަމަކާ ގުޅިގެން އަރުވާ ލަގަބެއްތޯ؟ ސިޔާސީ ވިޔަސް އޯކޭ، އެކަަމަކު ކޮންމެސް ހައްދެއް އޮންނަންވާނެ"
އާންމު މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

މޯދީއަކީ އިސްރާއިލުގެ ހަރުކަށި ބޮޑުވަޒީރާއި ގާތްގުޅުމެއް ބާއްވަވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މިއީ ދިވެހިން މޯދީއާ ދެކޮޅުކަން ހާމަ ކުރަމުންދާ އެއް ސަބަބެވެ. މޯދީއަށް އިއްޒުއްދީންގެ ލަގަބު ދޭން ނިންމުމާއި ގުޅިގެން މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މޯދީއަށް ނިޝާން އިއްޒަތުގެ ލަގަބު އަރުވާނަމަ ނަތަންޔާހޫއަށް ވެސް އެ އިއްޒަތް ދިނުން މުހިންމު ކަމަށެވެ.

އެހެންމީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއީ ސަރުކާރުން ނިންމި ނުރަނގަޅު ނިންމުމެއް ކަމަށެވެ.

"ނިޝާން ޣާޒީގެ އިއްޒަތުގެ ލަގަބު އަރުވަނީ ފަރަންޖީ މޯދީއަށް؟؟ އޭނާ ކޮންކަމެއް ކޮށްދީފައި އޮވެގެން؟ އަދިވެސް "ރައްޔިތުންނަށް ހުތުރު ނަން" ލިބިދާނޭ ކިޔާފަ ޕީޕީއެމް/ޕީއެންސީ ހަނު!!"
އިދިކޮޅު ޕާޓީތަކުން މިކަމުގައި އެއްޗެއް ނުބުނާ ކަމަށް ބުނެ މީހަކު ކުރި ޓްވީިޓުގައި ބުނެފައިވެއެވެ.

އިތުުރު މީހަކު ބުނެފައިވަނީ ހިންދޫ އެކްސްޓްރީމިސްޓް މޯދީއަށް ޣާޒީ އިއްޒުއްދީންގެ ލަގަބު އެރުވުމަކީ އެ ރަސްގެފާނަށް ވެސް ކުރެވޭ ފުރައްސާރައެއް ކަމަށެވެ.

"ނިޝާން އިއްޒުއްދީންގެ ލަގަބަލީ ކަނާތުފިޔައިގެ ހަރުކަށި ކޮންޒަވޭޓިވް، "ރަހުމަތްތެރިންނަށް" ދެއްވަން އޮތް ހަދިޔާއަކަށް ހައްދަވަައިފި ނަމަ، އެ ވަނީ މި ގައުމަށްޓަކާ ގުރުބާންވި ޣާޒީންނާއި އަބްތާލުންނަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް"
މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

ރައީސް ސޯލިހު މޯދީއަށް މި އިއްޒަތް އެރުވުމަށް ނިންމެވީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހި ކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް މޯދީ ދެއްވާ ހާއްސަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ދިވެހިރާއްޖެ އަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށެވެ.

ދިވެހިރާއްޖެ ހޮޅީންގެ އަތްދަށުގައި ތިންމަހާއި ދުވަސްކޮޅަކު އޮތެވެ. ހިޖުރީގޮތުން 1166 ގެ ސަފަރު މަހުގެ 13 ގައި ހޮޅީން ރާއްޖެ އަރައި ތަހުތުގައި އިންނެވި ރަދުން ހައްޔަރުކޮށް އެމީހުންގެ ބާރުގެދަށަށް ގެންދިޔަ ގެންދިޔުން ވެގެން ދިޔައީ، ދިވެހިންނަށް އެތަށް ގެއްލުމެއް މެދުވެރިވި ކަމެއްގެ ގޮތުގައެވެ.

ހޮޅީން މާލޭގެ ބައެއް މިސްކިތްތަކުގައާއި ބައެއް ގެތަކުގައި ރޯކޮށް ހެދި ކަމަށް ތާރީޚު ހެކި ދެއެވެ. އާންމުންގެ މުދާތައް ފޭރިގަތެވެ. އެތަށް ބަޔެއްގެ ލޭއޮހޮރުވި ކަންވެސް ފަތްފުއްތަކުން ފެންނާން އެބަ އޮތެވެ. މިފަދަ އަނިޔާވެރި ކަމަކަށް ރާއްޖެ ވެއްޓުނީ ދިވެހިންގެ ތެރެއިން ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ ބަޔަކާ ގުޅުމުގެ ސަބަބުންނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންގެ ބަޔަކު ހޮޅިން ރާއްޖެ ގެނައިނަމަވެސް ހޮޅީން ބޭނުންވީ އެމީހުންގެ އަމިއްލަ ވެރިކަމެވެ. އެމީހުންގެ އަމިއްލަ ބާރެވެ.