އެމްޑީޕީގެ ފިކުރާއި އެއްގޮތަށް އަވަހަށް މެނިފެސްޓޯ ޑެލިވާ ކުރެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މާލެ ސިޓީގެ މޭޔާ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ. މިއީ ސަރުކާރުގެ ދުވެލި މަޑުވުމުން ވިދާޅުވި ވާހަކަފުޅެއް ކަމަށް ބެލެވެއެވެ.

ޝިފާ ވިދާޅުވީ، އެމްޑީޕީގެ އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮމިޓީގެ ފަރާތުން ވަރަށް ފޮނި އުއްމީދު ތަކެއް ކުރެއްވި ކަމަށާއި، ވޭތުވެދިޔަ ހަތް އަހަރު ގިނަ މަސައްކަތްތަކެއް އެ ޕާޓީގެ ފަރާތުން ކުރި ކަމަށެވެ.

އެމްޑީޕީ އިދިކޮޅު ޕާޓީގެ ގޮތުުގައި އޮތް އިރު، ރައްދު ދޭން ޖެހޭ ކިތަންމެ ކަމެއްގައި ރައްދު ދީފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ. ޝިފާ ވިދާޅުވީ، އެގޮތުގެ މަތިން، އެމްޑީޕީގެ ފިކުރާއި އެއްގޮތަށް އަވަހަށް މެނިފެސްޓޯ ޑެލިވާ ކުރެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ހަތް އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އެމްޑީޕީ އަލުން ރާއްޖޭގެ ވެރިކަމަށް އައީ، ރާއްޖޭގެ ތަރައްގީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ފޮނި އުއްމީދު ރައްޔިތުންނަށް ދެމުންނެވެ. އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވީ، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ގިނަ ވައުދުތަކެއް ވެ ވަޑައިގެންނެވުމަށް ފަހުގައެވެ. މިހާރު ފުރަތަމަ 100 ދުވަސް ހަމަވެފައިވާ އިރު، ރައީސް ސޯލިހް ވަނީ އެ ވައުދުތަކުގެ ތެރެއިން ގިނަ ވައުދުތައް ފުއްދަވާފައެވެ. މީގެ އިތުރުން އެމްޑީޕީން ވަނީ އެޖެންޑާ 19ގެ ނަމުގައި ފަސް ސުރުހީއަށް ބަހާލައިގެން 19 ގާނޫނީ އޮނިގަނޑު ވެސް ނެރެފައެވެ.