ކުރިކެޓް ވޯލްޑްކަޕް 2019ގެ މެޗުތަކުގައި، އިންޑިއާގެ 1 ނަންބަރު ކުރިކެޓާ މަހޭންދްރާ ސިންހް ދޯނީ ބޭނުންކުރާ އަންގީގައި އިންޑިއާގެ އަސްކަރިއްޔާގެ ނިޝާން ޖަހާފައި ބެހެއްޓުމަށް އިންޑިއާއިން އެދުނު ހުއްދަ، ދެވެން ނެތްކަމަށް ބައިނަލްއަގުވާމީ ކުރިކެޓް ކައުންސިލް (އައި.ސީ.ސީ)އިން ނިންމައިފިއެވެ.
އައި.ސީ.ސީއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެމް އެސް ދޯނީގެ އަންގިތަކުގައި އިންޑިއާ އަސްކަރިއްޔާގެ ލޯގީ ބޭނުން ނުކުރެވޭނެކަން އިންޑިއާގެ ޓީމު އޮފިޝަލުންނަށްވެސް އަންގާފައިވާނެ ކަމަށެވެ.
2011 ވަނަ އަހަރުގެ ކުރިކެޓް ވާލްޑް ކަޕް ޓައިޓްލްއަށް އިންޑިއާ ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކުރި ތަރި، އުމުރުން 37 އަހަރުގެ އެމް އެސް ދޯނީ އަކީ އިންޑިއާގެ ސަރަހައްދީ އަސްކަރިއްޔާގެ ރަމްޒީ ލެފްޓިނެންޓެކެވެ.
ކަންމިހެން އޮތް ނަމަވެސް އައިސީސީއިން ބުނީ ގައުމުތަކުގެ ޖާޒީގައި ވަކި މެސެޖެއް ޕްރޮމޯޓްކުރުމުގެ ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ.
އިންގްލަންޑްގްއާއި ވޭލްސްގައި ކުރިއަށްދާ ކުރިކެޓް ވާލްޑް ކަޕް މެޗުތައް ފެށުމުގެ ގޮތުން ދެކުނު އެފްރިކާއާއި ދެކޮޅަށް މިދިޔަ ހަފުތާގައި އިންޑިއާއިން ނިކުތްއިރުވެސް އެމް އެސް ދޯނީ ވަނީ، އަސްކަރީ ލޯގޯ ޖެހި އަންގި ބޭނުންކޮށްފައެވެ.