އޭނާ ރޭޕްކުރިކަމަށް ބުނެ، އުމުރުން 34 އަހަރުގެ އަންހެނަކު އުފުލާފައިވާ ދައުވާގައި ބެދިފައިވާ ބޮލީވުޑް އެކްޓާ ކަރަން އޮބްރޯއީ، ކަފާލާތުގެ ފަށުން މިނިވަން ކުރުމަށް އިންޑިއާގެ ފިލްމް ސިޓީ – މުމްބާއީގެ ހައިކޯޓުން ފުރުސަތު ދީފިއެވެ.

މިމައްސަލާގައި ދައުވާ ލިބޭ ކަރަން އޮބްރޯއީއަކީ މައުސޫމު މީހެއްކަން ސާބިތުކޮށްދިނުމަށް ބޭނުން ހުރިހާ ލިޔެކިއުންތަކެއް މިމަހުގެ 20 ވަނަ ދުވަހު ކުރިން ހުށަހަޅާ ނިންމުމަށް ހައިކޯޓުންވަނީ ކަރަން އޮބްރޯއީގެ ވަކީލަށް ފުރުސަތު ދީފައެވެ. އަދި އޭނާ މިނިވަން ކުރުމުގެ ކަފާލާތުގެ އަގަކަށް 500،000 ރުޕީޒް ވަނީ ހަމަޖައްސާފައެވެ.

މި މައްސަލައާ ބެހޭ ގޮތުން މުމްބާއީގެ ހައިކޯޓުން ބުނީ ދައުވާ ކުރާ ފަރާތާ ދައުވާ ލިބޭ ފަރާތާ ދެމެދު ވަޓްސްއެޕްއިން ބަދަލުކޮށްފައިވާ މެސެޖުތަކެއް އެބަހުރި ކަމަށާ، ނަމަވެސް އެއިންވެސް އެއްވެސް މެސެޖަކުން ނޭދެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.

މީގެ އިތުރުން ކަރަން އޮބްރޯއީއާއި ދެކޮޅަށް ދައުވާ ކުރި ފަރާތުން އެ ދައުވާ ކޮށްފައިވަނީ ދޮގު ހެކިތަކެއް އުފައްދައިގެންކަމަށްވެސް ކޯޓުންވަނީ ބުނެފައެވެ. ފުލުހުންނަކީ މައްސަލަ ތަހުގީގު ކުރާއިރު ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ތަހުގީގު ހިންގަންޖެހޭ ބައެއްކަން ހަނދާން ކޮށްދޭ ކަމަށް ކޯޓުން ބުނެފައިވާއިރު، ފުރަތަމަވެސް އަންހެން މީހާގެ ފޯނު އަތުލައިގެން އިތުރު ތަހުގީގުތައް ހިންގާފައި ނުވަނީ ކީއްވެތޯ ކޯޓުވަނީ ސުވާލުކޮށްފައެވެ.

ކަރަން އޮބްރޯއީއާއި ދެކޮޅަށް މި ދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އުފުލި ދައުވާގައި ބުނެފައި ވަނީ ބްލެކްމެއިލް ކޮށްގެން ފައިސާއާއި އަގުބޮޑު ތަކެތި ހޯދުމަށް ކަރަން މަސައްކަތްކުރާ ކަމަށާއި، ކައިވެންޏެއްގެ "ނަމުގައި" އަންހެން މިހާއާއިއެކު ޖިންސީގޮތުން ހަރަކާތްތެރި ގުޅުމެއް ކަރަން ބާއްވަމުން ދިޔަ ކަމަށެވެ.