ޖަރުމަނުވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މެސޫތް އޮޒިލްގެ ކައިވެނީގެ ހަފުލާގައި، އޭނާގެ ބެސްޓް މޭންގެ ގޮތުގައި، ތުރުކިވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުޣާން ފެނިގެން ހިނގައްޖެއެވެ.

ތުރުކީ ދަރިފަސްކޮޅާ ގުޅިފައިވާ އޮޒިލް، މިދިޔަ އަހަރުގެ ވޯލްޑް ކަޕްގެ ކުރިން އުރުދުޣާންއާ އެކު ނަގާފައިވާ ފޮޓޯއެއް އާންމުކުރުމާއެކު މި ދެ ފަރާތުގެ ހާއްސަ ގުޅުމުގެ ވާހަކަ މީޑިއާއާއި ފޭނުންގެ ތެރޭގައި ގުގުމަން ފެށިއެވެ. ގިނަ ބަޔަކު އަޑުއުފުލަމުންދިޔައީ އެކަމާ ދެކޮޅަށެވެ.

ދެން އިވިގެން ދިޔައީ ނަސްލީ ތަފާތުކުރުންތަކުގެ އިތުރުން އިހުތިރާމްކުޑަ ކުރާ ކަމަށް ބުނެ، ބައިނަލްއަގުވާމީ ފުޓުބޯޅައިގެ މައިދާނުން އޮޒިލް ފޭބި މަންޒަރެވެ.

އާސެނަލްއަށް ކުޅެމުންދާ، އުމުރުން 30 އަހަރުގެ މިޑްފީލްޑާ އޮޒިލް ކައިވެނިކޮށްފައި ވަނީ ހުކުރު ދުވަހުއެވެ. އޭނާ ކައިވެނި ކުރީ ޒަމާންވީ ލޯބިވެރިޔާ އަމީނާ ގުލްޒީއާއިއެވެ. އަމީނާއަކީ 'މިސް ޓާކީ'ގެ ލަގަބުވެސް ހޯދާފައިވާ ރީތީގެ ރަންޏެކެވެ.

އޮޒިލްގެ ބެސްޓް މޭން އަކަށް އުރުދުޣާން ހަމަޖެއްސުން ވެގެން ދިޔައީ ވެސް ޖަރުމަނުވިލާތުގެ މީހުންނަށް ހަޖަމުކުރަން މާ ފަސޭހަ ކަމަކަށް ނޫނެވެ. އެގޮތުން މިދިޔަ ފަހަރުގެ ތަޖުރިބާއިން އޮޒިލްއަށް އެއްވެސް ކަމެއް ދަސްނުވާކަމަށް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ.

ކަންމިހެން އޮތްއިރު، އުރުދުޣާންއަކީ ތުރުކިވިލާތުގައި ކުރެވޭ ސެލެބްރިޓީ ފެންވަރުގެ ކައިވެނި ހަފުލާތަކުގައި ގަވައިދުން ބައިވެރިވެވަޑައިގަންނަވާ ލީޑަރެކެވެ.