އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި އިންސާނީ ވަސީލަތްތަށް ތަރައްގީ ކުރުމުމަށް ހަ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް ހަލީލް ވިދާޅުވީ، އިންޑިއާ އާއެކު ރާއްޖެއިން ސޮއިކުރާނެ އެމްއޯޔޫ ތަކަކީ ރާއްޖޭގައި އިންސާނީ ވަސީލަތްތަށް ތަރައްގީ ކުރުމުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދީގެން ސޮއިކުރާ އެއްބަސްވުންތަކެއް ކަމަށެވެ.

އެގޮތުން، ރާއްޖެއާ ކޮޗިންއާ ދެމެދު ފަސަންޖަރުންނާއި މުދާ އުފުލާ ފެރީގެ ހިދުމަތް ދިނުމުގެ ދާއިރާ، ސިވިލް ސާވެންޓުން އަދި ޒުވާނުންގެ ހުނަރުގެ ތަރައްގީ ކުރުމުގެ ދާއިރާގެ އިތުރުން، ކަސްޓަމްސް އަދި ޝިޕިންގް ހިދުމަތުގެ ދާއިރާއިން އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތައް:

  • އެމްއޯޔޫ އޮން ހައިޑްރޯގްރެފީ އެންޑް އޯޝަން އިކޮނޮމީ
  • ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހެލްތު
  • ކޯޕަރޭޝަން އޮން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިން
  • ކެޕޭސިޓީ ބިލްޑިން ފޯ މޯލްޑިވިއަން ސިވިލް ސާވަންޓްސް
  • ޕެސެންޖާ އެންޑް ކާގޯ ސާވިސަސް ފެރީ ގެ ހިދުމަތް ދިނުމުގެ އެއްބަސްވުން
  • އެމްއޯޔޫ އޮން ޝެއަރިން ވައިޓް ޝިޕިން އިންފޮމޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާ

ހަލީލް ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެހެން ގައުމުތަކުގެ އެމްބަސީތަކަށް ވެސް ހުޅުމާލެއިން ބިމެއް ދޭން ނިންމާފައިވުމުން އެކަމުގެ މަޝްވަރާތަށް ކުރުމަށް މޯދީގެ މިދަތުރުފުޅުގައި އިންޑިއާގެ އާ އެމްބަސީގެ ބިންގާ އެޅުން ނޯންނާނެ ކަމަށެވެ. އަދި އިންޑިއާ އާއި ރާއްޖެ ދެމެދު ފެރީގެ ހިދުމަތް ދިނުމަށް ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް މަޝްވަރާތަށް ކުރެވިފައިވާ ގޮތަށް ކަމަށް ހަލީލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ގިނަ އެހީތަކެއް ރާއްޖެއަށް ދިނުމަށް އިންޑިއާއިން ވަނީ ނިންމާފައެވެ. އެގޮތުން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ދިނުމާއި 36 ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމްކުރުމާ، އައްޑޫ ސިޓީގައި އާބަން ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން އެސްއެމްއީ ލޯން ޕްރިޖެކްޓެއް ހިމެނެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ކުރިއަށް ގެންދިއުމަށް 14 މަޝްރޫއެއް އިންޑިއާއިން ފާހަގަ ކޮށްފައި ވާކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެއް ރަށާ އަނެއްރަށާ ދެމެދު ގުޅުންތައް ގާއިމު ކުރުމާ، ޑްރަގް ރިހެބްލިޓޭޝަން ސެންޓަރެއް ގާއިމް ކުރުން ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުއަށް ހިންގުމަށް 7 މިލިއަން ޑޮލަރު ހަމަޖައްސާނެ ކަމަށްވެސް އެމިނިސްޓްރީން މިއަދު ވަނީ ބުނެފައެވެ. އަދި އައިޓީ ދާއިރާއިން ކިޔެވުމަށް ރާއްޖޭގެ ދަރިވަރުންނަށް ދޭން ކަނޑައަޅާފައިވާ 1000 ސްކޯލާޝިޕް މިހާރު ފަށާފައި ވާކަމަށާއި ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި 1000 ހަމަވާނެ ކަމަށް އިންޑިއާއިން ބުނެއެވެ.