ބޮލީވުޑްގެ ކުޅަދާނަ ބަތޮލް ރިތިކް ރޯޝަންގެ ކުރިއަށް އޮތް ފިލްމް "ސުޕާ30"ގެ ޓްރެއިލާ، އިންޑިއާގެ ޕޫނާގެ ފުލުހުންނަށް ވަރަށް ކަމު ހިނގައްޖެއެވެ.

2 މިނެޓެއްހާއިރުގެ މި ޓްރޭލާގައި ރިތިކް ރޯޝަންގެ އާދަޔާ ހިލާފު އެކްޓިންގް ފެނިގެން ދާއިރު، ޕޫނާގެ ފުލުހުންވަނީ މި ޓްރޭލާއިން ރިތިކް ފެންނަ މަންޒަރެއްގެ ވީޑީއޯޝޮޓެއް ނަގާ، ވަރުގަދަ މެސެޖެއް ދީފައެވެ.

"އެއް ސައިކަލަށް 3 މީހުން އަރައިގެން، އެކަކުވެސް ބޮލުގައި ހެލްމެޓް ނާޅާ، މަގުގެ ނުބައި ފަރާތުން ދުއްވަމުންދާ މީހަކު ފެންނަ ހިނދު، އެއަށްވުރެ އޭނާއަށް ގޯސްވެވިދާނެތޯ" ސަކަ މިޒާޖެއްގައި ސުވާލުކޮށް ޕޫނާގެ ފުލުހުން ސޯޝަލް މީޑިއަށް ދޫކޮށްލި އިޖުތިމާއީ މެސެޖު ވަނީ ވައިރަލްވެފައެވެ.

ގިނަ ބައެއްގެ ސަމާލުކަމަށް ޕޫނާ ފުލުހުންގެ ފޯޓޯ އަރާފައިވާއިރު، ޚުދު ރިތިކްވެސް ވަނީ މި ފޮޓޯއަށް ރައްދު ދީފައެވެ.

ވިކާސް ބަލް މުގުލުގައި އޮވެގެން ތައްޔާރުކޮށްފައިވާ ފިލްމް "ސުޕާ30" އިންޑިއާގެ ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.