މިދިޔަ ހޯމަ ދުވަހު ހަރިޔާނާއިން 12 މީހުންނާއެކު އޭން-32 މަރުކާގެ މަތިންދާބޯޓު އުދުއްސާލާ، މާ ގިނައިރުތަކެއް ނުވެ އެ ބޯޓު ރާޑަރުން ގެއްލުނުއިރުވެސް އެއާ ޓްރެފިކް ކޮންޓްރޯލަރަކަށް އިނީ ބޯޓުގެ ކެޕްޓަން އެއާފޯސް ޕައިލެޓް އަޝީޝް ތަންވާރުގެ އަންހެނުންކަން ހާމަވެއްޖެއެވެ.
12 މީހުންނާއެކު އޭން-32 މަތިންދާބޯޓު އުދުއްސާލިތާ ބައިގަޑިއިރެއްހާއިރު ފަހުން ރާޑަރުތަކަށް ބޯޓު ގެއްލުނު ފަހުން އަދި އެއްވެސް ޚަބަރެއް ލިބިފައެއް ނުވެއެވެ.
"އަހަރެންގެ ދަރިފުޅާ އޭނާގެ އަންހެނުން މިކޮޅަށް (ހަރިޔާނާއަށް) އައީ މިދިޔަ މަހު. ދެން އެ މީހުން ދިޔައީ ތައިލޭންޑަށް. ޗުއްޓީއަކަށް. އޭރުވެސް އަޝީޝް ބުނަމުންދިޔަ ވަރަށް އަވަހަށް އަންނާނެ ވާހަކަ. އެކަމަކު މިހާރު 4 ދުވަސްވީ. އަދި ޚަބަރެއް ނުވޭ. ގެއްލިފައިވާ ޕައިލެޓްގެ މަންމަ ސަރޯޖު ތަންވާރު، އޭނާގެ ހިތުގެ ވޭންތައް ބޭރުކޮށްލިއެވެ.
ސަރޯޖު ގަބޫލުކުރާ ގޮތުގައި އޭނާގެ ދަރިފުޅު އުދެހެމުންދިޔަ ބޯޓު މިހާރު އިންޑިއާ ސަރަހައްދުގައިވެސް ނުއޮންނާނެއެވެ.
"އަހަރެންނަށް ވަރަށް ޔަގީން އެ ބޯޓު މިހާރު ޗައިނާގެ ސަރަހައްދަށް ވަދެފާނެކަން. ދަރިފުޅު އަވަހަށް މިކޮޅަށް ގެނެވޭތޯ، ކީއްވެތަ ސަރުކާރުން ޗައިނާއާއި ވާހަކަ ނުދައްކަނީ؟ ބޯޓު ހޯދަން އުޅޭ ކަމަށް ބުނަނީ. އެކަމަކު މޫސުން ގޯސްވެގެން އެކަމަށްވެސް ހުރަސް އެޅެމުންދާ ވާހަކަ ބުނަނީ" ދަރިފުޅު ދިރިހުއްޓާ ދެކިލުމުގެ އުއްމީދުގައި އިން ސަރޯޖު ކިޔައިދިނެވެ.
ސަރޯޖުގެ ދަރިފުޅު ދުއްވަމުންދިޔަ ބޯޓަކީ އަސްކަރީ ޓްރާންސްޕޯޓަށް ބޭނުންކުރާ މަތިންދާބޯޓެކެވެ. ރާޑަރުތަކަށް ބޯޓު ގެއްލުނުއިރު އެ ބޯޓުން ކުރަމުންދިޔައީ ޖުމުލަ 50 މިނެޓެއްހާއިރު ދިގު ދަތުރެކެވެ. އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން އަދިވެސް ދަނީ ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
އަޝީޝްގެ މުޅި އާއިލާއަކީވެސް އެއާފޯސް ޕައިލެޓުންނާ އަސްކަރިއްޔާގެ މެމްބަރުން ޚިދުމަތުގައި ދެމި އޮތް އާއިލާއެކެވެ. އަޝީޝްއަށް ވީނުވީއެއް ނޭނގި ގެއްލުނު ފްލައިޓްގެ ކޮންޓްރޯލަރަކަށް އިނީ އޭނާގެ އަންހެނުން ސަންދްޔާއެވެ. އަޝީޝް ގެއްލުމާއެކު ބަނަކަމާ އަނދިރިކަމުގެ ދުނިޔެއެއްގެ ތެރެއަށް ގެއްލިފައި އިން ސަންދްތާއަކީވެސް އިންޑިއާ އަސްކަރިއްޔާގެ ފްލައިޓް ލެފްޓިނެންޓެކެވެ.