ތަފާތު އެކި ސަބަބުތަކާއި ހެދި މިދުވަސްވަރު ބައިނަލްއަގުވާމީ މީޑިއާގެ ފަލަސުރުޚީއިން އެލީޑަރެއްގެ ނަންފުޅު ފަނޑުވެގެން ނުދާ އެއް ލީޑަރަކީ އިންޑިއާގެ ނުފޫޒުގަދަ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ނަންފުޅޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

މީލާދީން 1950 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އިންޑިއާގެ ވާދްނަގަރަށް އުފަންވެވަޑައިގެންނެވި މޯދީ ނިސްބަތްވެވަޑައިގަންނަވަނީ ކަންމަތީ ފިހާރައެއް ހިންގަމުންދިޔަ އާއިލާއަކަށެވެ. ވިޔަފާރިވެރިއާއިލާއެކޭ ދެންނެވި ނަމަވެސް، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްވެސް އެއާއިލާއިން ދިޔައީ ތަކުލީފުތަކެއް އުފުއްލަމުންނެވެ. ގުޖުރާތުގެ ވާދުނަގަރުގައި އާއިލާއާއިއެކު މޯދީގެ ތުއްޕުޅު ހަޔާތް ވޭތުކުރެއްވީ އެންމެ ފަންގިފާލައަކަށްހުރި އާދައިގެ ގެއެއްގައެވެ.

ބީޖޭޕީގެ ރައީސް އަމީތު ޝާހް (ކ)ގެ އުފަން ދުވަސް ފާހަގަކުރެއްވުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ފޮނިކާއެއްޗެއް ދެއްވަނީ/ފޮޓޯ: ޑީއެންއޭ އިންޑިއާ

މޯދީގެ ހިތްޕުޅުގައި ގައުމީވަންތަ ލޯބީގެ ވިންދު ޖަހަންފެށީ އުމުރުފުޅުން ވަރަށް ހަގު ދުވަސްވަރެއްގައެވެ. އެގޮތުން، އުރުމުފުޅުން ގާތްގަނޑަކަށް 15 ފުރުނުއިރު މޯދީ ޚިދުމަތް ކުރައްވަމުން ގެންދެވީ އިންޑިއާ އަސްކަރިއްޔާއަށް އެހީފޯރުކޮށްދޭ ވޮލަންޓިޔަރެއްގެ ގޮތުގައެވެ، އެއީ 1960 އަހަރުތަކުގެ މެދެއްހާ ހިސާބުގައި ކުރެވުނު އިންޑިއާ-ޕާކިސްތާނު ހަނގުރާމައިގެ ދުވަސްވަރުއެވެ. ހިލޭ ސާބަހަށް މޯދީ ޚިދުމަތް ކުރެއްވީ ރޭލު ސްޓޭޝަންތަކުގައެވެ. އެންމެ އާންމުކޮށް ހަރަކާތްތެރިވިވެޑައިގެންނެވީ ހަނގުރާމައިގެ "ޖަވާންސް" އަށް ސައިފޮދު އެރުއްވުމަށެވެ. އޭގެ ފަހުން 1967 ވަނަ އަހަރު ޖުރުރާތުގައި ފެންބޮޑުވި ހާދިސާގައިވެސް މޯދީ ވަނީ ވޮލަންޓިއަރެއްގެ ގޮތުގައި ގައުމަށް ޚިދުމަތް ކުރައްވާފައެވެ.

މޯދީގެ ބައްޕާފުޅަކީ ވާދްނަގަރު ރޭލްވޭ ސްޓޭޝަން ކައިރީގައި ހުންނަ ސައިކަޑައެއްގައި ސައިވިއްކުމުގެ މަސައްކަތްޕުޅުކުރެއްވި ބޭފުޅަކަށްވާއިރު، ޒުވާން ދުވަސްވަރު ޚުދު މޯދީވެސް މަސައްކަތްކުރެއްވީ "ޗާއިވާލާ"އަކަށެވެ. މޯދީ އެކަން ކުރެއްވީ، ބައްޕާފުޅަށް އަތްގާތްކޮށްދެއްވުމުގެ ނިޔަތުގައެވެ.

މޯދީގެ މަންމާފުޅުގެ މަސައްކަތަކަށްވީ ގޭގެގައި ހުންނަ ގެވެހިކަންވާރުތައް ދޮވެދެއްވުމެވެ. އެއީ އިތުރު އާމްދަނީއެއް ހޯއްދެވުމުގެ ގޮތުން ކުރެއްވި ކަމެކެވެ. އަތުގައި މާލީ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން، އެ އާއިލާގައި ކުރެވިދިޔަ އެއްވެސް ކައިވެންޏެއްގެ ފޮޓޯގަނޑެއް ނެގޭހާވެސް ފައިސާއެއް ނެތެވެ. އޭރުވެސް މޯދީ ގެންދެވީ، ކުލާހުން ގެޔަށް އަދި ގެއިން ކުލާހަށް ވަޑައިގަތުމުގެ އިތުރުން، އޭގެ ބޭރުން އެހެން ދިރިއުޅުވުމަކަށް ފޮނި ހުވަފެންތަކެއް ދެކެވަޑައިގަންނަވަމުންނެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީގެ ޕާޓީ މެނިފެސްޓޯ އާންމުމުކުރެއްވުމުގެ ކުރިން ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ވ)، ބީޖޭޕީގެ ލީޑަރާ އިހުތިރާމްގެ ސަލާމްކު ރައްވަނީ/ފޮޓޯ: ރޮއިޓާޒް

ތައުލީމީ ހަޔާތްޕުޅަށް ބާލައިރުވެސް މޯދީއަކީ ބަސްމޮށުންތެރި ބޭފުޅެކެވެ. ގިނަ ވަގުތަކެއް ސްކޫލުގެ ކުތުބުހާނާގައި ހޭދަކުރެއްވި މިޒަމާނުގެ "ނާޑް"އެކޭވެސް ދެންނެވިދާނެއެވެ. ފޮޓޯގްރަފީއާއި ޅެންވެރިކަމަށް މޯދީގެ ހިތްޕުޅުގައި ހާއްސަ މަގާމެއް އޮތެވެ. ގުޖުރާތީ ބަހުން މޯދީ ލިޔުއްވާފައިވާ ބައެއް ފޮތްތައް ހުރިއިރު، މޯދީގެ ފޮޓޯފުޅުތަކަށް ހާއްސަ މައުރަޒުތައްވެސް އޮވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހުގައިވެސް މޯދީއަކީ ވަރަށް ސާދާ ބޭފުޅެކެވެ. ލިބިވަޑައިގެންފައިވާ އިއްޒަތާއި ޝަރަފާއި، މަގާމާއިއެކުވެސް މޯދީއަކީ ފަތިހާ ތެދުވެވަޑައިގަންނަވާ ބޭފުޅެކެވެ. މޯދީ ވިދާޅުވާ ގޮތުގައި އެމަނިކުފާނު އަވަހާރަފުޅުލައްޕަވަނީ ދުވާލަކު 5 ގަޑިއިރެއްހާއިރަށެވެ. ދުވަހުގެ ތާވަލުރޭވިގެންދާ ގޮތުން ކިތަންމެ ލަހުން އެސްފިޔަފުޅުޖަހާލެއްވުނު ކަމުގައި ވީނަމަވެސް، ފަތިހު ފަސްގަޑި ބަޔަށްފަހު އެނދުކޮޅުގައެއް ނޯންނަވާނެއެވެ.