ބައިނަލްއަގުވާމީ ފެންވަރެއްގައި ފާހަގަކުރަން ފަށާފައިވާ ޔޯގާ ދުވަހަށް ހާއްސަ ކުރައްވައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އެނިމޭޓަޑް ޔޯގާ ޓިއުޓޯރިއަލް ވީޑިއޯއެއް އާންމުކުރައްވައިފިއެވެ.

ބޮޑުވަޒީރު ރަސްމީ ޓުވިޓާ ހޭންޑްލް މެދުވެރިކުރައްވާ ހިއްސާކުރެއްވި ޓިއުޓޯރިއަލް ވީޑިއޯއިން ފެނިގެންދަނީ މޯދީ ސިފަވާ ގޮތަށް ފަރުމާކޮށްފައިވާ އެނިމޭޓަޑް ކެރެކްޓާއެކެވެ. މި ވީޑިއޯ ފެނިގެންދަނީ ޔޯގާގެ ހަރަކާތެއް ކަމަށްވާ "ޕާމްޓްރީ ޕޯޒް" ޖައްސާނެ ގޮތާ ގުޅޭ ގޮތުން މޯދީ ދެއްވާ އިރުޝާދުތަކެކެވެ. އަދި މި ޕޯޒްގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ގޮތުން ހަށިގަނޑަށް ލިބޭނެ ފައިދާތަކުގެ ވާހަކަވެސް މޯދީ ވަނީ މި ވީޑިއޯގައި ހިއްސާކުރައްވާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ޓުވިޓާގައި ހިއްސާކުރައްވާފައިވާ އެނިމޭޓަޑް ޔޯގާ ޓިއުޓޯރިއަލް/ފޮޓޯ: ޓުވިޓާ ސްކްރީންގްރޭބް

މީގެ ދުވަސްކޮޅެއް ކުރިންވެސް މޯދީ ވަނީ މިފަދަ ވީޑިއޯއެއް ހިއްސާކުރައްވާފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ޔޯގާ ދުވަހަކީ މި ޖޫން މަހުގެ 21 ވަނަ ދުވަހެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ޔޯގާ ހައްދަވަމުން ޓުވިޓާގައި ހިއްސާކުރައްވާފައިވާ ފޮޓޯފުޅުތަކެއް/ފޮޓޯ: ކުއިންޓްފިޓް

ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމަށް އދއިން ނިންމީވެސް ޚުދު މޯދީގެ އެދިވަޑައިގަތުމެއްގެ މަތިން 2015 ވަނަ އަހަރުއެވެ.