އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިތުރު އެއް ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދޭނެކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

"ސައުތު އޭޝިއަން މޮނީޓާ" ނޫހުގައި ބުނެފައި ވަނީ ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވި މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ "ނެއިބާހުޑް ފަސްޓް ޕޮލިސީ" ގެ ދަށުން ކުރައްވާ އަވަސް ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެއަށް އެއް ބިލިއަން ޑޮލަރުގެ ލައިން އޮފް ކުރެޑިޓް ދެއްވާނެ ކަމަަށް މި ނޫހުގައިި ވަނީ ރިޕޯޓުކޮށްފައެވެ.

އިންޑިއާއިން އިތުރު އެއް ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދޭން ނިންމާފައިވާ އިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމަށްފަހު އިންޑިއާއަށް ރާއްޖެއަށް ވަނީ 1.4 ބިލިއަން ޑޮލަރުގެ އެހީ ދީފައެވެ. އަދި މީގެ އިންޓްރަސްޓް ރޭޓަކީ 1.5 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މޯދީގެ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި ދެ ދުވަސް ހޭދަ ކުރައްވާނެއެވެ. އަދި މިއީ އިންޑިއާގެ ބޮޑުވަޒީރަކު ރާއްޖޭގައި އެންމެ ގިނަ ދުވަސް ހޭދަ ކުރައްވާ ފުރަތަމަ ފަހަރެވެ. މޯދީގެ މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއިން އެންމެ ފަހުން ދިން 1.4 ބިލިއަން ޑޮލަރުގެ އެހީގެ ދަށުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކަށް 800 މިލިއަން ޑޮލަރު ވަނީ ކަނޑައަޅާފައެވެ. އަދި 200 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ދީފައިވާ އިރު، 400 މިލިއަން ޑޮލަރަކީ ފައިސާ ބަދަލު ކުރުމުގެ ގޮތުން އެމްއެމްއޭއިން ބޭނުން ކުރާނެ ފައިސާއެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައި ހަމަޖެއްސި 200 މިލިއަން ޑޮލަރުގެ ތެރެއިން، 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. އަދި އަނެއް ބަޔަކީ ޓްރެޝަރީ ބޮންޑު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.