އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މާލޭގެ ބޮޑު ސަރަހައްދެއް ބަންދުކުރަން ނިންމައިފިއެވެ.

ފުލުހުން ބުނީ މޯދީގެ ދަތުރުފުޅާ ގުޅިގެން ބައެއް މަގުތަށް ބަންދުކުރަން ނިންމީ، ސެކިއުރިޓީ ބޭނުމަށް ކަމަށެވެ. އަދި ފުލުހުން އާންމު ކުރި ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ޒޯންތަކުގައި މިރޭ 7:00 އިން ފެށީގެން މި މަހުގެ އަންނަ އާދިއްތަ ދުވަހުގެ ރޭ 12 އާ ހަމައަށް އެއްގަމު އުޅަނދު ޕާކު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ފުލުހުން ބަންދުކުރަން ނިންމަފައިވާ ސަރަހައްދަކީ، ގްރީން ޒޯނާ އެކު އިންވެގެން ހުރި މަގުތަކެވެ. މި މަގުތައް ބަންދުކުރަން ނިންމާފައިވާއިރު، ބައެއް މަގުތައް އެއްކޮޅަށް ދުއްވޭ ގޮތަށް ނުވަތަ ވަންވޭ ކުރަން ވެސް ނިންމާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން، ފުލުހުން އާންމު ކުރި ޗާޓުގައި، ރަތް ކުލައިން ފާހަގަ ކޮށްފައިވާ ސަރަހައްދުތަކުގައި އެއްގަމު އުނޅަދު ޕާކު ކުރުން މަނާކުރަން ހަމަޖެހިފައިވާ އިރު، އެއްކޮޅަށް ދުއްވޭ ގޮތަށް ނުވަތަ ވަންވޭ ކުރުމަށް ހަމަޖެހިފައިވަނީ އޮރެންޖު ކުލައިން ފާހަގަކޮށްފައިވާ ސަރަހައްދުތަކެވެ. އަދި ބަންދު ކުރަން ހަމަޖެހިފައިވާ ސަރަހައްދުތައް ޗާޓުގައި ފާހަގަކޮށްފައި ވަނީ ރީނދޫ ކުލައިންނެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް ދެ ވަނަ ދައުރަށް އިންތިހާބުވެ ވަޑައިގެން މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު މޯދީ ފުރަތަމަ ފަހަރަށް އިންޑިއާ އިން ބޭރަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން، މޯދީގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް 19 ވަނަ މަޖިލީހުން ވަނީ ފާސްކޮށްފައި އެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައެވެ. މަޖިލީހުގައި މޯދީ ތަގްރީރުކުރައްވާން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެއެވެ.