މިދިޔަ ހަފްތާ ފެށިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ލޯބި ލިބިގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މިސްކިތު ފްރެންޑް، އަހުމަދު މަލީކް ވަހީދު (މަލީކް) އަށެވެ.

މަލީކްއޭ ބުނެލުމުން މިހާރު، ނޭނގޭނެ މީހަކު ވަރަށް މަދު ވާނެއެވެ. މިދިޔަ މަހު 28 ވަނަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދި ވީޑިއޯ އަކީ، ތަރާވީސް ނަމާދު ނިންމެވުމަށްފަހު ރައީސް ހުކުރު މިސްކިތުން ނުކުމެވަޑައިގަތް ވަގުތު، ރައީސް ސޯލިހާއި މަލީކް ސަމާސާކޮށް ވާހަކަ ދައްކާ ވީޑިއޯއެވެ. މި ވީޑިއޯ އަށް ފަހު، މަލީކް ފަތުރުވެރިއަކާ ވާހަކަ ދައްކާ ވީޑިއޯއެއް އާންމުވިއެވެ. އަދި އެއަށް ފަހު، އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ގެނެސްދިން މަލީކްގެ "މަދިރި ހޯހޯ" އިސްތިހާރު ވެސް އާންމުންނަށް އަދި ރައީސް ސޯލިހަށް ވެސް ވަރަށް ކަމުދިޔައެވެ. ނަމަވެސް، މިހާރު ސޯޝަލް މީޑިއާގައި އާންމު ވަމުން އަންނަނީ، މިސްކިތުގައި މުދިމުގެ މަގާމުގައި ހުރެ މަލީކް ޤުރުއާން ކިޔަވާ ވީޑިއޯ އެކެވެ.

މިސްކިތުގައި މުދިމުގެ މަގާމުގައި ހުރެ މަލީކް ޤުރުއާން ކިޔަވާ މަންޒަރު ދައްކުވައިދޭ، ވީޑިއޯގެ ކެޕްޝަންގައި، މިއީ މަލީކް އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށް ބުނެފައިވެއެވެ. ވީޑިއޯ އިން ދައްކުވައިދެނީ، މަލީކްގެ އަޑުން، ފާތިހާ ސޫރަތް ކިޔަވާ މަންޒަރެވެ. އިޝާ ނަމާދަށް ފަހު، މުދިމު މީހާ ގާތުން މަލީކް އެދުނީ ތަރާވީސް ކުރަން ދިނުމަށެވެ. ވީޑިއޯ އިން ދައްކުވައި ދެނީ މަލީކް ތަރާވީސް ކުރާ މަންޒަރެވެ.

ފުރަތަމަ ސޯޝަލް މީޑިއާގައި އާންމުވި މަލީކްގެ ވީޑިއޯގައި، ރައީސް ސޯހިލް މިސްކިތުން ނުކުމެވަޑައި ގަންނަވަމުން، މިސްކިތުގައި ތިބި މީހުންނާއި ސަލާމް ކުރައްމަވުން ގެންދަވަނިކޮށް، މަލީކް ނަމަކަށް ކިޔާ މި ކުޑަ ކުއްޖާ ރައީސާއި ސަލާމް ކުރުމަށްފަހު ރައީސް ދުރުވަނީ ކޮން ތަނަކަށް ތޯ އަހާ ސުވާލު ކުރިއެވެ. ޖަވާބުގައި ދެން ދުރުވާނީ ގެކޮޅަށް ކަމަށް ރައީސް ވިދާޅުވުމުން، މަލީކްގެ އެހީ ރައީސްގެ ގެކޮޅަށް ކިޔަނީ ކޮން ނަމެއްތޯއެވެ.

މަލީކްގެ ސުވާލަށް ޖަވާބު ދެއްވަމުން ސަމާސާ ގޮތަކަށް ރައީސް ސޯލިހް ވިދާޅުވީ ރައީސްގެ ގެކޮޅުގެ ނަން މިހާރު އެނގޭނެ ކަމަށެވެ. ރައީސް މިހެން ވިދާޅުވުމުން، މަޖާ ގޮތަކަށް ހީލަމުން މަލީކް ބުނީ ރައީސްގެ ގެކޮޅަކީ މުލިއާގެ ކަމަށެވެ.

އެއަށްފަހު، ދެން އާންމުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިން ފަތުރުވެރިއަކާއި މަލީކް ވާހަކަ ދައްކާ ވީޑިއޯ އެކެވެ. ކުޑަ ކުޑަ މަލީކް އިނގިރޭސިން ދެއްކި ވާހަކަތައް ސާފު ވާގޮތެއް ނުވި ނަމަވެސް، ވީޑިއޯގެ ފަހުކޮޅަށް އައިސް އެއާޕޯޓަށް އައީ ޕޮލިހުން ތިއްބާ ކަމަށާއި، ޕޮލިހުން ވެސް މަލީކް ދެކެ ވަރަށް ލޯބިވާ ކަމަށް ބުނެފައިވެއެވެ. އަދި ފަތުރުވެރިންނާއި ސިފައިން ވެސް މަލީކް ދެކެ ވަރަށް ލޯބިވާ ކަމަށް ވެސް މަލީކް ބުނެފައިވެއެވެ. އެގޮތުން މި ވީޑިއޯގައި މަލީކްގެ ވާހަކަތަކަށް ޖަވާބު ދިނުމަށް ފުލުހުން ކުރި ޓްވީޓްގައި ބުނީ، ޕޮލިހުން ވެސް މަލީކް ދެކެ ލޯބިވާ ކަމަށާއި ޕޮލިސް ހެޑްކުއާޓާސް ބާލާލަން އެތަނަށް ދިއުމަށް ޕޮލިހުން ވަނީ މަލީކަށް ދައުވަތު ދީފައެވެ.

ދެން ފެނިގެން ދިޔައީ، އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އިސްތިހާރަކުންނެވެ. އީދުގެ މުނާސަބަތަށް ހާއްސަ މި ވީޑިއޯގައި މަލީކް ބުނީ، "މަދިރިހޯހޯ" ގެ ނަމުގައި ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ. މަދިރީގެ ސަބަބުން، ބަލި ޖެހޭ ކަމަށާއި، ތަންތަން ސާފު ނުކޮށް ހުރުމުން މަދިރި އާލާވާނެ ކަމަށް ބުނެ މަލީކް ބުނީ، މަދިރި ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.