އިންޑިއާގެ ކަރުނާޓަކާ ސްޓޭޓްގެ ބަނދަރުމަތީ މައި ސިޓީއެއްކަމަށްވާ މެންގަލޫރުގައި ދިރިއުޅޭ ޣައިރު މުސްލިމުންނަށް އީދު ހަދިޔާ ބެހުމަށް އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުން ނިންމައިފިއެވެ.

އެގޮތުން ފޮނިކާއެއްޗިހި އަޅާފައިވާ 1000 ހަދިޔާ ފޮށިގަނޑު، ޖޫން 5 ވަނަ ދުވަހު، މެންގަލޫރުގެ އެކި ހިސާބުތަކަށް ބެހުމަށް ވަނީ ހަމަޖައްސާފައެވެ. ރަމަޟާން މަހުގެ ފެށުމާ ދިމާކޮށްވެސް މެންގަލޫރުގެ މުސްލިމުން ވަނީ ޣައިރު މުސްލިމުންނަށް ބޯފެނާ ކަދުރު ބަހާފައެވެ.

މި ހަރަކާތް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ބުނީ، ތަފާތުތައް ނައްތާލުމަށް އަދިވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭ ކަމަށާ، މިފަދަ ހަރަކާތްތައް އިންޑިއާގެ ހުރިހާ ހިސާބެއްގައިވެސް ހިންގުމަށް ހިތްވަރު ދެވެންޖެހޭ ކަމަށެވެ.

އަންނަ އީދުގައި މިފަދަ 1 ލައްކަ ފޮށިގަނޑު ބެހުމަށް އުއްމީދުކުރާކަމަށް މެންގަލޫރުގެ މުސްލިމުންގެ ނަމުގައި ހަދިޔާ ފޮށިގަނޑުތައް ތައްޔާރުކޮށް ބަހަމުންދާ ފަރާތުންވަނީ ބުނެފައެވެ.