އިނގިރޭސިވިލާތަށް މިހާރު ޒިޔާރަތްކުރައްވަމުން ގެންދަވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕް، އިނގިރޭސި ރާނީ އެލިޒަބަތު 2އާއި ބައްދަލުކުރައްވައިފިއެވެ.

ޓްރަމްޕް އާއި އިނގިރޭސި ރާނީ ވަނީ މެންދުރުގެ ހާއްސަ ޖާފަތަކަށް، ބަކިންގްހަމް ޕެލަސްގައި އިންސާފުކުރައްވާފައެވެ.

އިނގިރޭސިވިލާތަށް ފައިބާވަޑައިގަތުމުގެ ކުރިންވެސް ޓްރަމްޕް ވަނީ އެމަނިކުފާނަށް އަމާޒުކޮށް ފާޑުވިދާޅުވި ލަންޑަންގެ މޭޔާ ސޯދިގު ހާންއަށް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ.

3 ދުވަހުގެ މުއްދަތަށް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އެ ގައުމުގެ އެކި ހިސާބުތަކުގައި މުޒާހަރާކުރުމަށް ވަނީ ރާވާފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި މިވަގުތު އިންނެވި ތެރޭސާ މޭއާއި ޓްރަމްޕްއާއި ދެމެދު ރަސްމީ މަޝްވަރާތައް ފައްޓަވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސި ވަލީއަހުދު ޗާލްސްގެ ދެކަނބަލުން ދެއްވާ ހަވީރުގެ ސައިފޮދަކަށް ޓްރަމްޕްގެ ދެކަނބަލުންނަށް އިންސާފުކުރައްވާފައިވާއިރު، ޓްރަމްޕްގެ ދެކަނބަލުންގެ ޝަރަފުގައި ބަކިންގްހަމް ޕެލަސްގައި ރޭގަނޑުގެ ފަރީއްކޮޅެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.