ރުޅި އައުމަކީ ކޮންމެ އިންސާނެއް ގައިގައި ވެސް ހުންނަ އިހުސާސެކެވެ. ބައެއް ފަހަރު ރުޅި އަކީ ތިމާގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމެކެވެ. ނަމަވެސް، އަނެއްބައި ފަހަރު ރުޅީގެ ސަބަބުން އެތައް މައްސަލަ އެއް އުފެދެއެވެ. ރުޅި ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ރުޅީގެ ސަބަބުން ދިމާވާ ފަސޭހަ ތަކަށް ވުރެ މައްސަލަތައް ގިނައެވެ. އެގޮތުން ރުޅި ކޮންޓްރޯލް ކުރުމަށް ކުރެވިދާނެ ކަންތައްތައް އެނގޭ ހެއްޔެވެ؟

ގުނުން

ރުޅި ކޮންޓްރޯލް ކުރުމަށް 10 އަކުން ނުވަތަ 100 ފެށިގެން ދަށަށް ގުނާށެވެ. ގުނަން ހޭދަވާ މި ވަގުތުގައި ހިތް ތެޅޭ ވަރު މަޑުވެ، މީހާ ހަމަޖެހެން ވަގުތު ލިބެއެވެ.

ފުން ނޭވާއެއް ލުން

ފުން ނޭވާ ލުމަކީ ރުޅި ކޮންޓްރޯލް ކޮށް، މީހާ ހަމަ ޖެހުމަށް މަގުފަހިވާ ކަމެކެވެ. ފުން ނޭވާ ލާ އިރު އެންމެ ބޭނުންތެރި އެއް ކަމަކީ ނޭފަތުން ނޭވާ ލުމަށް ފަހު އަނގައިން އެ ނޭވާ ދޫކޮށްލުމެވެ.

ކަސްރަތު

ކަސްރަތު ކުރުމަކީ އޭގެ ސަބަބުން މީހާގެ ނާރުތައް ހަމަޖައްސުވައިދޭ ކަމެކެވެ. ރުޅި އިސްވާ ވަގުތު ތަކުގައި ކުޑަ ކޮށް ހިނގާލުމަކީ ވެސް ކަސްރަތެކެވެ. އަދި ހަށިގަނޑުގެ މަސްތައް ރިލެކްސް ކުރުވުމަކީ ވެސް ރުޅި މަޑުކުރަން އެހީ ވެދޭ ކަމެކެވެ. ކަސްރަތު ކުރުމުގެ ތެރޭގައި ކަރާއި ކޮނޑު ކުޑަކޮށް އަނބުރާލުން ވެސް ހިމެނޭނެއެވެ. މިއީ ފަސޭހައިން ރުޅިއާ ދުރުވެވޭނެ ކަމެކެވެ.

އެމްޕަތީ

އެމްޕަތީ އަކީ އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމެވެ. ތިމާ އަނެއް މީހާ އިން ހާލަތުގައި އިން ނަމަ، ވާނެ ގޮތް ވިސްނާލުމެވެ. ރުޅި އައުމުން މިފަދައިން ކަންތައް ކުރުމުން، ތިމާ ރުޅި މި އަންނަނީ އެއްވެސް ބޭނުމެއް ނެތް ކަމަކާތޯ ސުވާލު ކުރެވޭނެއެވެ. މީގެ އިތުރުން، އަނެއް މީހާއަށް މައާފް ކުރާކަމަށް ހިތަށް އެރުވުމުން ވެސް ރުޅި ކޮންޓްރޯލް ކުރެވިދާނެއެވެ.

ރުޅި ބޭރުކޮށްލުން

މިއީ ރުޅި މަޑުކުރުމުގެ އެންމެ ބޭނުންތެރި ގޮތޭ ވެސް ބުނެވިދާނެއެވެ. ރުޅި ބޭރުކުރުމުގެ ގޮތްތައް ބައިވަރެވެ. އެގޮތުން، ތިމާ ރުޅިއައިއްސަ ހުރި ކަމަކާއި ގުޅިގެން ރައްޓެއްސަކާއި ވާހަކަ ދެއްކި ދާނެއެވެ. ނުވަތަ ފޮތެއްގައި ތިމާގެ އިހުސާސްތައް ލިޔެވިދާނެއެވެ. އަދި އަމިއްލަ އަށް އެކަނި ހުރެ، އެ ކަމަކާއި ބެހޭ ގޮތުން، ހިތާހިތުން ވާހަކަ ދައްކާލުން ވެސް އެންމެ ރަނގަޅެވެ.