އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއޭ ބުނުމާއެކު ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަ ހިޔާލަށް ގެނެވޭނީ، ޓްރަމްޕަށް ހާއްސަ ކިއްސަރަކަށް ދަމާލާފައިވާ ރަން-ރީނދޫ ކުލައިގެ އިސްތަށިކޮޅޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

މި އިސްތަށިކޮޅަކީ އެއްވެސް އަގެއް ނެތް އިސްތަށިކޮޅެއް ކަމަށް އެއް ބަޔަކު ވަކާލާތު ކުރާއިރު އަނެއް ބަޔަކު ބުނާ ގޮތުގައި މިއީ އެތައް ހާސް ޑޮލަރެއްގެ އަގުހުރި އިސްތަށިކޮޅެކެވެ.

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 އާއި ބައްދަލުކުރެއްވުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް، ޓްރަމްޕްގެ އިސްތަށިކޮޅަށް ބޮޑު ބަދަލެއް ގެނެސްފައިވާތީ މިހާރު ފެނެއެވެ. މީގެ ސިއްރަކީ ހައްދެއް ނެތް މިންވަރުގެ ޖެލްއާއި ހެއާ ސްޓައިލިންގް ސްޕްރޭ ކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވަކަލާތު ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިސްތަށިކޮޅި މިހާރު (ވ) އޮންނަ ގޮތް / ފޮޓޯ: ޓްރެންޑަލައިޒާ

"ފަޔާ އެންޑް ފިއުރީ: އިންސައިޑް ޓްރަމްޕްސް ވައިޓް ހައުސް" ގެނަމުގައި ފޮތެއް ޝާއިއުކުރި ވުލްފް ބުނާ ގޮތުގައި ޓްރަމްޕް ވަނީ އިސްތަށިކޮޅު ވަކި ގޮތަކަށް ބަހައްޓަން ސާޖަރީއެއް ވެސް ހަދާފައެވެ. އެއީ ސްކަލްޕް ރިޑަކްޝަން ސާޖަރީއެވެ. މިއީ ބޮލުން ތަލަވާބައި ނެގުމަށްފަހު ބާކީހުރި ބައި ގުޅާ ފަހާލައިގެން ހަދާ ސާޖަރީއެކެވެ. ދަރިކަނބަލުން އިވާންކާ ޓްރަމްޕާ ހަވާލާދީ ވާހަކަ ދެކެވޭ ގޮތުގައި، ސާޖަރީގެ އިތުރުން ދެން އޮތީ ޓްރަމްޕްގެ ގެންގުޅުއްވާ ހެއާސްޕްރޭތަކުގެ މަސައްކަތެވެ.

"ފަޔާ އެންޑް ފިއުރީ: އިންސައިޑް ޓްރަމްޕްސް ވައިޓް ހައުސް" ގައި ބުނެފައިވާ ގޮތުގައި ޓްރަމްޕްގެ އިސްތަށިކޮޅަށް އަރާފައިވާ ރަން-ރީނދޫ ކުލައަކީ، ނުރަވަމުންދިޔަ އިސްތަށިކޮޅުގެ ކުލަ ފޮރުވުމަށް ކެތްމަދުވެގެން އިންތިހާއަށް ކޮލިޓީ ދަށް ހެއާ ޑައިއެއް ބޭނުންކުރެއްވުމުގެ ސަބަބުން އަރަން ފެށި ކުލައެކެވެ. އެއީ "ޖަސްޓް ފޮ މެން" ކިއާ ބްރޭންޑެއް ކަމަށާއި، ގިނަ ވަގުތު ބެހެއްޓުމުން ކުލަ ގަދަވަމުން ގޮސް، ބައެއް ފަހަރު ޓްރަމްޕްގެ އިސްތަށިކޮޅުން ފެންނަ އޮރެންޖު ކުލަވަރަކީ އެކަމުގެ ސަބަބުން ވާ ގޮތެއް ކަމަށްވެސް މި ފޮތުގައި ވަނީ ފާހަގަކޮށްފައެވެ.