ގުދުރަތީ މާއްދާތަކުން ލިބޭ ފައިދާގެ އެހީގައި ކުރާ ބޭސްފަރުވާގައި އެންމެ އިސްދައުރެއް އަދާކުރާ އެކައްޗަކީ ރީނދުލެވެ. ބޭސްފަރުވާގެ އިތުރުން ކާސުފުރާ މަތީގެ ރަހަ ހެޔޮވަރުކޮށްލަނީވެސް ރީނދުލުންނެވެ. ކަންމިހެންއޮތްއިރު، ރީނދުލަށް ލިބިފައިވާ އާދަޔާ ހިލާފު ބާރު، އޭގެ ހުރިހާ ކޮޅަކުން ބަލާލުން ބުއްދުވެރިއެވެ. ރީނދުލަކީ ކޮންމެކޮންމެ މީހަކު ކާން އެންމެ އެކަށީގެންވާ އެއްޗެއް ނޫނެވެ. ރީނދުލާ ދުރުގައި ތިބުން ބުއްދުވެރި ހާލެއްގައި ތިބި ބަޔަކުވެސް އެބަ ތިއްބެވެ. ބައެއް މީހުންނަކީ ރީނދުލާ ހިސާބަކަށް ދުރުވެލަންޖެހޭ މީހުންނެވެ.

ރީނދޫ ކެއުމުގައި ސަމާލުވާންވީ ކޮން ބައެއް؟

ހަކުރު ބައްޔަށް ބޭސްކުރުން

ރީނދުލަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށްކުރުމަށް އެހީވެދޭ ގުދުރަތީ މާއްދާތަކެއް އޭގައި އެކުލެވޭ އެއްޗެކެވެ. މިއީ ޓައިޕް 2 ޑައިބީޓީޒްއަށް ފަރުވާ ކުރުމަށް ބޭނުންކުރާ ހަވާދާ ފަތްޕިލާވެލީގެ ބާވަތްތަކުގެ ލިސްޓުގައިވެސް ހިމެނޭ އެއްޗެކެވެ. އެހެންކަމުން ރީނދުލަކި، ބޭސް ނުކައި ހަކުރު ކޮންޓްރޯލް ކުރާ މީހުންނަށް ހެޔޮ ޚަބަރެކެވެ. ނަމަވެސް ހަކުރު ބައްޔަށް ބޭސްކާ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އެމީހެއްގެ ކެއިންބުއިމުގެ އާދަތައް ހުންނަ ގޮތުން، ގަވައިދުން ރީނދޫ ބޭނުންކުރާނަމަ ހަކުރު ބައްޔަށް ބޭސް ލިޔެދެއްވާ ޑޮކްޓަރާ މަޝްވަރާކުރުން ބުއްދިވެރިއެވެ. ހަކުރު ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުންކުރަމުންދާއިރު، މާ ގިނައިން ރީނދޫ ބޭނުންކުރެވިއްޖެނަމަ މާ ބޮޑަށް ހަކުރު ދަށްވެ، ސިއްހީ އިތުރު މައްސަލަތަކެއް ފެންމަތިވުމުގެ ފުރުސަތު ބޮޑެވެ.

ރޯ ރީނދުލާ މުގުރާފައިވާ ރީނދޫ/ފޮޓޯ: ލައިފްސްޓައިލް މެގަޒިން

މާބަނޑު މީހުންނާ ގާތުން ކިރުދޭ މައިން

އާންމު އުސޫލީ މިންގަނޑުތަކަށް ތައްޔާރުކޮށްފައިވާ ކާބޯތަކެތީގައި ރީނދޫ އެކުލެވޭ މިންވަރުގެ ސަބަބުން، މާބަނޑު މީހުންނާ ގާތުން ކިރުދޭ މައިންނަށް އެކަމުގައި ނުރައްކަލެއް ނެތެވެ. ނަމަވެސް މާ ގިނައިން ރީނދޫ ބޭނުންކުރުމާ، ސަޕްލިމެންޓްސްގެ ގޮތުގައި ރީނދޫ ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް، މާބަނޑު ދުވަސްވަރު މާގިނައިން ރީނދޫ ބޭނުންކުރުން އެދެވިގެނެއް ނުވެއެވެ. މާ ގިނައިން ރީނދޫ ބޭނުންކުރުމަކީ މައްސަރުކަންތަކަށް މަގުފަހިކުރުވުމުގެ އިތުރުން ޔޫޓްރަސް "ހަރަކާތްތެރި" ކުރުވާ ކަމެއް ކަމުން، ނުރައްކާތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.

ގާތުން ކިރުދިނުމާ މާ ގިނައިން ރީނދޫ ބޭނުންކުރުމާ ގުޅިގެން އެކަށީގެންވާ ފެންވަރުގައި އިލްމީ އަދި ސިއްހީ ދިރާސާތަކެއް ހެދިފައި ނުވާއިރު، ކިރުމައިންވެސް މިކަމަށް ސަމާލުވުން ބުއްދިވެރިއެވެ.

ގޯލްބްލެޑާ މައްސަލަތަކާ ކިޑްނީގައި ހިލަ ހުރުން

ގޯލް ބްލެޑާއަކީ ބޮޑުކަމުދާ ނިޒާމުން ދަތުރުކުރާ ސަރުބީތައް ކުދިކޮށްލުމަށް ބޭނުންވާ ބައިލްގެ ސްޓްރޯޖެ ފެސިލިޓީއެއް ފަދަ ކޮތަޅެކޭވެސް ދެންނެވިދާނެއެވެ. ނޭޝަނަލް އިންސްޓިޓިއުޓްސް އޮފް ހެލްތް އިން ބުނާ ގޮތުގައި، ގޯލްބްލެޑާ މައްސަލަތައް ހުންނަ މީހުންގެ އިތުރުން ގޯލްސްޓޯންސް ހުންނަ މީހުންނާ ބައިލް ދަތުރުކުރާ ހޮޅީގައި މައްސަލަ ހުންނަ މީހުން ރީނދޫ ބޭނުންކުރުމުގެ ކުރިން، ޑޮކްޓަރުގެ ލަފާ ހޯދަންޖެހޭނެއެވެ. އެމީހަކީ ކިޑްނީގައި ހިލައުފެދުމުގެ ފުރުސަތު ބޮޑު މީހެއް ނަމަ، އެންމެ ރަނގަޅު ގޮތަކީ ރީނދުލާ ވަދާއީ ސަލާމްކޮށްލުމެވެ. ރީނދުލަކީ އޭގައި ގިނަ އަދަދަކަށް އޮގްޒަލޭޓް ކެމިކަލް އެކުލެވޭ އެއްޗަކަށްވާއިރު، މިކަމުގެ ސަބަބުން ގޯލްސްޓޯންސް އުފެދުމަށް ފުރުސަތު އިތުރުވާ ގޮތްވެއެވެ.

އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި 2008 ވަނަ އަހަރުގެ މެއި މަހު ޝާއިއުކުރި ދިރާސާ ބުނާ ގޮތުގައި، ރީނދޫ ބޭނުންކުރުމުގެ ސަބަބުން، ކުޑަކަމުދާ ތަކެތީގައި އޮގްޒަލޭޓް ކެމިކަލް އެކުލެވޭ މިންވަރު ވަނީ އިތުރުވެފައެވެ. ކުޑަކަމުދާ ތަކެތީގައި އޮގްޒަލޭޓް ކެމިކަލްގެ މިންވަރު އިތުރުވުމަކީ ކިޑްނީގައި ހިލަ އުފެދުމަށް ނުރައްކާ އިތުރުކުރުވާ ކަމެކެވެ.

ލޭ ދިޔާކޮށް މަނާކުރާ ބޭސް ބޭނުންކުރުން

ރީނދުލަކީ ލޭ ދިޔާކޮށްދޭ އެއްޗެކެވެ. ސިއްހީ ހޯދުންތައް ދައްކާ ގޮތުގައި ލޭ ގަނޑުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި އެސްޕްރިން، އިބޫޕްރޯފެން (އެޑްވީލް) އަދި ވޯފެރީން (ކޯމެޑިން) ފަދަ ބޭސްތަކާ ރީނދޫ އިންޓަރެކްޓްކުރެއެވެ.

ލޭ ދިޔާ ކުރުމަށް ނުވަތަ ލޭ އައުން ކޮންޓްރޯލް ކުރުމަށް އެއްވެސް ކަހަލަ ބޭހެއް ބޭނުންކުރާނަމަ، އެމީހެއްގެ ކެއުމުގައި ރީނދޫ ބޭނުންކުރުމާ ގުޅޭ ގޮތުން ފިޒީޝަންއެއްގެ އިރުޝާދާ ލަފާ ހޯދަންވާނެއެވެ.

މީގެ އިތުރުން ބޮޑު އޮޕަރޭޝަން ކުރަން ދުރާލާ ތާވަލު ކުރާނަމަ، ސާޖަރީގެ 2 ހަފުތާއެއް ދުވަސްކުރިން ރީނދޫ ބޭނުންކުރުން ހުއްޓާލަން ވާނެއެވެ. އެއީ، ސާޖަރީ ހެދުމުގެ ތެރޭގައްޔާ އޭގެ ފަހުންވެސް މާގިނަ ލޭ ބޭރުވިޔަ ނުދީ ހިފެހެއްޓުމަށްޓަކައެވެ.

ބަނޑުގައި ހުންނަ އެސިޑްގެ އުނދަގޫ

ބަނޑަކީ ހަށިގަނޑަށް އެތެރެކުރާ ކާއެއްޗިހި ހަޖަމުކޮށް ކުދިކޮށްލުމަށް ބޭނުންވާ ގުދުރަތީ އެސިޑުން ފުރިފައިވާ ގުނަވަނެކެވެ. ނަމަވެސް އެސިޑްގެ މިންވަރު އިތުރުވެއްޖެނަމަ ކާބޯތަކެތި ދަތުރުކުރާ ހޮޅި ނުވަތަ އީސޮފަގަސް ތެރެއިން އެސިޑްތައް މައްޗަށް އަރާގޮތްވެ، މޭ އެންދުމާ، އެފަދަ އެކިކަހަލަ އުނދަގޫތަކާ ކުރިމަތިކުރުވައެވެ.

ރީނދޫ ބޭނުންކުރުމަކީ ބަނޑުގައި އެސިޑް އުފެއްދުމަށް އެހީތެރިވެދޭ ކަމަކެވެ. އެހެންކަމުން ބަނޑުގެ އެސިޑްގެ އުނދަގޫ ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުންކުރާނަމަ، ރީނދޫ ކެއުން ބުއްދިވެރިއެއް ނޫނެވެ.

ރޯ ރީނދުލާ މުގުރާފައިވާ ރީނދޫ/ފޮޓޯ: މާޔޯ ކްލިނިކް ނިއުސް ނެޓްވާކް

ކާންވީ ކިހާ ރީނދުލެއް؟

މެރީލަންޑްގެ މެޑިކަލް ސެންޓަރުން ބުނާ ގޮތުގައި، އިސްވެ ދެންނެވު އެކި ބަލިތަކަށް ބޭސްބޭނުން ނުކުރާ ފަރާތްތަކަށް ދުވާލެއްގެ މައްޗަށް 1 ސައި ސަމުސާ ނުވަތަ 3 ގުރާމްގެ މުގުރި ރީނދޫ ބޭނުންކުރެވިދާނެއެވެ.

ރީނދުލަކީ ތާޒާކޮށާ މުގުރައިގެންވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ފާހަގަކުރަންޖެހޭ ކަމަކީ މުގުރާފައި ހުންނަ ރީނދުލުގައި "ރީނދޫ" އެކުލެވޭ މިންވަރު އިތުރުވާކަމެވެ. 1 މޭޒުމަތީ ސަމުސާ ތާޒާ ރީނދޫ ހިއްކާ، މުގުރާލުމުން އެއިން ލިބޭނީ ގާތްގަނޑަކަށް ސައި ސަމުސަލެއްގެ 1/3 ހާ ރީނދޫ ކޮޅެކެވެ.

އެކި ކަހަލަ ބަލިތަކަށް ރީނދޫ ބޭނުންކުރެވިދާނެ ތަފާތު އެކި ގޮތްތައްވެސް ހުރެއެވެ.