ގަތަރާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދޭތޯ އަހާ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ވަނީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާއި ސުވާލު ކުރައްވާފައެވެ.
މިދިޔަ ބްރާސްފަތި ދުވަހު ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީ އެއްގައި އޭނާ ވަނީ މިނިސްޓަރު ޝާހިދާއި ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކުގެ ނޯޓިސް ފޮނުއްވާފައެވެ. ސިޓީގައި ޖާބިރު ވަނީ، މި ސުވާލުތަކުގެ ނޯޓިސް ހަމަވުމާއި އެކު، މި ސުވާލުތައް ރައްޔިތުންގެ މަޖިލީހުގައި ކުރެވޭނެ ގޮތުގެ މަތިން އެޖެންޑާ ކޮށްދެއްވުމަށް އެދިލައްވާފައެވެ.
ޖާބިރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތް ގޮތުން، މުސްލިމް ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ސިޔާސީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ މުސްލިމް ގައުމުތަކާއި ސިޔާސީ ގުޅުން ބަދަހި ކުރުން ކަމަށް ޖާބިރު ވިދާޅުވިއެވެ.
އެގޮތުން، މުސްލިމް ގައުމެއް ކަމަށްވާ ގަތަރާއި ރާއްޖޭއާ ދެމެދު އޮންނަ ސިޔާސީ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދޭތޯ ޖާބިރު ސުވާލު ކުރެއްވިއެވެ. އަދި މި ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ނަމަ އެކަން ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ ވެސް ޖާބިރު އެއްސެވިއެވެ. މީގެ އިތުރުން، ޖާބިރު ކުރައްވާފައިވާ ސުވާލު ތަކުގެ ތެރޭގައި، ގަތަރާއި ރާއްޖެއާ އޮންނަ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަވާ ނަމަ، އެއީ، އެ ގުޅުން ބަދަހި ކުރުމުުގެ ވިސްނުން މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ތެރޭގައި ނުހިމެނެނީ ތޯ އަދި އެހެން ކަމަށްވާ ނަމަ އޭގެ ސަބަބަކީ ކޮބާތޯ ޖާބިރު އެއްސެވިއެވެ.
ޖާބިރު ވަނީ އެންމެ ފަހުން ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެ ވަނަ ޖަލްސާގައި ވެސް، ގަތަރާއި ރާއްޖެއާ އޮންނަ ގުޅުން ވަރުގަދަ ކުރުމާއި ބެހޭ ގޮތުން ސުވާލު ކުރައްވާފައެވެ. އެގޮތުން ޖާބިރު ވިދާޅުވީ، ރާއްޖެއިން ގުޅުން ބަދަހި ކުރަންވީ ހަމައެކަނި އިންޑިއާ އާ ނޫން ކަމަށެވެ.