އަަލަށް ހުވާ ކުރި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގައި ހިމެނޭ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތުގައި އިދިކޮޅު މައި ޕާޓީ ޕީޕިއެމް ބައިވެރި ނުކުރާކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގައި ހުވާކުރި އާ މަޖިލީހުގައި ކޮމިޓީތައް އެކުލަވާލާއިރު، ކުދި ޕާޓީތަކާއި އިދިކޮޅުގައި ހިމެނޭ ޕާޓީތަކަށް ކޮމިޓީތަކުން ހަމަހަމ ފުރުސަތު ދޭނެކަމަށް މެޖޯރިޓީ ޕާޓީ އެމްޑީޕީން ވަނީ ބުނެފައެވެ. މައުލުމާތު ލިބޭގޮތުގައި މަޖިލީހުގެ 13 ކޮމިޓީއަކަށް މެންބަރުން ނެގުމުގެ މަޝްވަރާއާއި މަސައްކަތްތައް ވަނީ ފަށާފައެވެ.

ނަމަވެސް، މި މަސައްކަތުގައި ޕީޕީއެމުން ބައިވެރި ނުކުރާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިކަން ހިނގާކަމެއް އަޅުގަނޑުމެން ނުދެނަހުރިން. ޔަގީނުންވެސް ޕީޕީއެމް ހިމެނިގެން މަޝްވަރާއެއް ނުކުރޭ" ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގައި އޮންނަނީ ދާއިމީ 13 ކޮމިޓީއެވެ. އެއީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ، ގައުމީ ތަރައްގީގެ ކޮމިޓީ، ގައުމީ ސަލާމަތުގެ ކޮމިޓީ، އިގްތިސާދީ ކޮމިޓީ، މާލިއްޔަތު ކޮމިޓީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ، އިޖުތިމާއީ ކޮމިޓީ، އާންމު ކޮމިޓީ، ޕެޓިޝަން ކޮމިޓީ، އިމްތިޔާޒް ކޮމިޓީ، ސުލޫކު ކޮމިޓީ އަދި ގަވާއިދު ކޮމިޓީއެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން މަޖިލީހުގެ 65 ގޮނޑިއާއެކު މަޖިލީހުގެ ސުޕަމެޖޯރިޓީ ނަގާފައިވާ އިރު، މަޖިލީހުގެ މުހިންމު ކޮމިޓީތަކުގެ އަޣުލަބިއްޔަތު އެމްޑީޕީން ނަގާނެކަމަށް ބެލެވެއެވެ. ނަމަވެސް ސަރުކާރު ޒިންމާދާރު ކުރުވުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ދޭނެ ކަމަށް އެމްޑީޕީން މީގެ ކުރިން ވަނީ ބުނެފައެވެ.