އެމެރިކާއާއި އެކު ސުލްހައިގެ މަޝްވަރާގެ މޭޒު ކައިރިއަށް ހާޒިރުވެދާނެ ކަމުގެ އިޝާރާތެއް އީރާނުން ދީފިއެވެ.

އީރާނު ފާސް ނިއުސް އޭޖެންސީއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ، އެމެރިކާއިން އިހުތިރާމް ކުރާނަމަ ސުލްހައިގެ މަޝްވަރާތައް ފެށިދާނެ ކަމަށާ، ނަމަވެސް "ބުލީ"ކުރާނަމަ ކުރެވޭނެ އެއްވެސް މަޝްވަރާއެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އީރާނާ އެމެރިކާގެ ގުޅުން، މިދުވަސްވަރު އިންތިހާއަށް ހީނަރުވެފައި ވަނީ އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލަތަކާ ގުޅިގެން ބައިލަންއަގުވާމީ ބޮޑެތި ބާރުތަކާއެކު 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުން، މީގެ އަހަރެއްހާ ދުވަސްކުރިން، އެމެރިކާއިން ކުށްލި ގޮތަކަށް ވަކިވެ، އިރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަން ފެށި ހިސާބުންނެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވާ ގޮތުގައި 2015 ވަނަ އަހަރުގެ ސުލްހައިގެ އެއްބަސްވުމަކީ "އެހާ ވަރުގަދަ" އެއްބަސްވުމެއް ނޫނެވެ. އެހެންކަމުން އާ އެއްބަސްވުމެއް އެކުލަވާލަންޖެހޭ ކަމަށް ޓްރަމްޕް ގެންދަވަނީ ވަކާލާތުކުރައްވަމުންނެވެ.

މިހާރުވެސް އޮތް ލީޑާޝިޕްގެ ދަށުން އީރާނަކީ "ވަރުގަދަ" ގައުމަކަށް ވެވިދާނެ ކަމަށާ، އެކަމަށް ފުރުސަތުވެސް އެބަ އޮތް ކަމަށާ، އެމެރިކާގެ އަމާޒަކީ ފަހަރެއްގައިވެސް އީރާނުގެ ވެރިކަން ވައްޓާލުން ނޫންކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ކަންމިހެންއޮތްއިރު، އެމެރިކާއިން މަސައްކަތްކުރަނީ އީރާނާ ދެކޮޅަށް އަސްކަރީ ހަނގުރާމައެއް ކުރުމަށާ، އީރާނުގެ ލީޑާޝިޕް ބަދަލުކުރުމަށް ބަޣާވާތް ކުރުމަށް ކަމަށް އީރާނުން ދަނީ ތުހުމަތުކުރަމުންނެވެ.

ރޫހާނީއާއި ހަވާލާދީ ފާސް ނިއުސް އޭޖެންސީއިން ބުނީ އަނެއް ފަރާތުންވެސް އިހުތިރާމާއެކު ތިބެއްޖެނަމަ ސުލްހައިގެ މޭޒުދޮށަށް ދިއުމަށް އީރާނުން ތައްޔާރަށް އޮތް ކަމަށެވެ. އަދި އަނެއް ފަރާތުގައި ތިބި މީހުންނަކީ ބައިނަލްއަގުވާމީ އުސޫލުތަކުގެ އިމުގެ ތެރޭގައި ހަރަކާތްތެރިވާ ބަޔަކަށްވުން ލާޒިމުކަމަށް ރޫހާނީ ވަނީ ވިދާޅުވެފައެވެ.

ވަކި ޝަރުތުތަކެއް ހަމަވެއްޖެނަމަ އެމެރިކާއާއިއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނުން ތައްޔާރަށް އޮތްކަމަށް ރޫހާނީ ވިދާޅުވި ނަމަވެސް، އެމެރިކާއާއިއެކު މަޝްވަރާކުރެވެން ނެތްކަމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޢަލީ ޚަމަނާއީ ވަނީ މިދިޔަ ބުދަ ދުވަހު ވިދާޅުވެފައެވެ.

މިދަނޑިވަޅަކީ އެމެރިކާއާއި އީރާނާ ދެމެދު އަސްކަރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާ ދަނޑިވަޅެކެވެ. އެގޮތުން އެމެރިކާއިން ދަނީ އީރާނު ހިމެނޭ މެދުއިރުމަތީގެ އަރަބި ގަލްފް ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ގާބިލުކަން ވާރުގަދަ ކުރަމުންނެވެ.