އިންޑިއާއަށް ދޫކޮށްފައިވާ ވިޔަފާރީގެ ހާއްސަ އިމްތިޔާޒުތަކުގެ އެއްބަސްވުން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ބާތިލުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ.

އިންޑިއާއަކީ އެމެރިކާއިން ކަނޑައަޅާފައިވާ ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސަސް (ޖީއެސްޕީ) އެއްބަސްވުމުގެ ދަށުން އެމެރިކާއާއިއެކު ވިޔަފާރީގެ ހާއްސަ ގުޅުންތަކެއް ބޭއްވުމުގެ ފުރުސަތު އޮންނަ ގައުމުތަކުގެ ލިސްޓުގައި ހިމަނާފައިވާ ގައުމެކެވެ.

މި އެއްބަސްވުމުގެ ދަށުން އެއްވެސް ޑިއުޓީއަކާ ނުލާ އިންޑިއާގެ ގިނަ އުފެއްދުންތަކެއް އެމެރިކާއަށް އެޕްސްޕޯޓްކުރެވެއެވެ. ނުވަތަ އެމެރިކާއަށް އެތެރެ ކުރެވެއެވެ.

ޓްރަމްޕް ވިދާޅުވީ މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމެވީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ކަމަށާ، އެކަން ކުރަންޖެހުނީ އެމެރިކާއިން ތަނަސްވަކޮށްދީފައިވާ ފުރުސަތުތަކުގެ ރޫހާ އެއްގޮތަށް އިންޑިއާއިން ފުރުސަތު ފަހުކޮށްދެމުން ނުދާތީ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޖީއެސްޕީގެ ދަށުން އެންމެ ބޮޑު ފައިދާއެއް ނަގަމުންދާ ގައުމަކީވެސް އިންޑިއާއެވެ. މި ޕްލޭންގެ ދަށުން އިންޑިއާއިން އެމެރިކާއަށް އެތެރެ ކުރާ 5.6 ބިލިއަން ޑޮލަރުގެ މުދަލުން އެއްވެސް ވަރެއްގެ ޑިއުޓީއެއް ނުނަގައެވެ.

ޖީއެސްޕީ އެއްބަސްވުމުން އިންޑީއާ އުނިކޮށްފި ނަމަ، އެމެރިކާއިން އިންޑިއާއަށް އެތެރެކުރާ 20 މުދަލަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑު ކުރާނެ ކަމުގެ އިންޒާރު، އެމެރިކާއިންވަނީ ދީފައެވެ.

އެމެރިކާއާއި އިންޑިއާއާއި ދެމެދު ވިޔަފާރިއާއި އިގުތިސޯދީ ނުތަނަވަސްކަމެއް އުފެދި ރައްދު ހަމަލާތަކެއްގެ ވާހަކަ ފެންމަތިވެފައި މިވަނީ، ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދީ ބާރުތަކުގެ ގޮތުގައި އޮތް ޗައިނާއާއި އެމެރިކާއާއި ދެމެދުގައިވެސް ވިޔަފާރީއާއި އިގުތިސޯދީ ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.