ދުނިޔޭގައި އޮތް އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގުތިސޯދުގެ ލަގަބު އިންޑިއާއަށް ގެއްލިއްޖެއެވެ.
އިންޑިއާގެ އާ ސަރުކާރަށް 48 އިރު ވުމާއެކުހެން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން، ފާއިތުވީ 5 އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް މަޑުނުޖެހޭ މިންވަރަކަށް އެގައުމުގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި މިވަގުތު އޮތީ މަޑުޖެހިފައެވެ.
މިއީ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކާ މިދިޔަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހަވާލުވެވަޑައިގެންނެވި ނަރޭންދްރާ މޯދީގެ ސަރުކާރަށް ކުރިމަތިލާންޖެހޭނެ ބޮޑު ނުތަނަވަސް ކަމެއް ކަމަށް ސިޔާސީ އަދި އިގުތިސޯދީ ތަޖުރިބާކާރުން ބުނެއެވެ.
އިންޑިއާގެ މާލީ އަހަރު ގުނަނީ އޭޕްރިލް އިން މާޗް މަހުގެ ނިޔަލަށް ކަމަށްވާއިރު 2018 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް އިންޑިއާގެ އިގުތިސޯދު ކުރިއަރާފައިވަނީ އެންމެ %6.8 އަށެވެ. ވަކިވަކި މަސްތަކަށް ބަލާއިރު ޖަނަވަރީ މަހާ މާޗްމަހާ ދެމެދު ފާއިތުވީ ކުއާޓަރުގައި އިންޑިއާގެ އިގުތިސޯދީ ކުރިއެރީ އެންމެ %5.8 އަށެވެ. މިއީ ޗައިނާގެ ތަފާސް ހިސާބުތަކަށްވުރެ އިންޑިއާގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި، ފާއިތުވީ 24 މަހެއްހާ ދުވަހުގެ ތެރޭގައި ދަށްވި ފުރަތަމަ ފަހަރުވެސްމެއެވެ.
ކަންމިހެންއޮތްއިރު، ދުނިޔޭގައި އޮތް އެންމެ ހަލުވިކަމާއެކު ކުރިއަރަމުންދާ އިގުތިސޯދުގެ ޝަރަފު އިންޑިއާއަށް މިވަނީ ގެއްލިފައެވެ. މިކަމަކީ މާލީ ވަޒީރު ކަމަށް އިސްކުރެއްވިފައިވާ ނިރުމަލާ ސިތާރާމަންއަށް ކުރިމަތިލައްވަންޖެހިވަޑައިގަންނަވާނެ ބޮޑު ތަކުލީފެކެވެ. ނިރުމަލާ ސިތާރާމަންއަކީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީއަށްފަހު އިންޑިއާގެ މާލީ ވަޒީރުކަމާ 2 ވަނައަށް ހަވާލުވެވަޑައިގެންނެވި އަންހެން ވަޒީރެވެ.
އިގުތިސޯދީ ހަރަކާތްތައް ކުރިއަށް ލަފާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ދިގު ރާސްތާ އަދި ކުރު ރާސްތާ ޕްލޭންތަކަށް މިވަގުތު އިންޑިއާއިން ސަމާލުވާންޖެހެއެވެ. އެގޮތުން ކުރިމަތިލާންޖެހޭނެ އެންމެ ބޮޑުއެއް ފިއްތުމަކީ ވަޒީފާ ނުލިބުމުގެ މައްސަލަ ކަމަށް ބުނެއެވެ.
ކަންމިހެން އޮތްއިރު، މަސައްކަތްތެރިންނަށް ލިބޭ އާމްދަނީއިން ނަގާ އިންކަމް ޓެކްސްގެ މިންވަރު ކުޑަކުރުމަކީ، އާދަޔާ ހިލާފު ބޮޑު ނަތީޖާއަކުން އިންޑިއާގެ 17 ވަނަ އާންމު މަޖިލީހުގެ އަޣުލަބިއްޔަތު ގިނިކަންނާ ކަށަވަރުކުރި، ވެރިކަން ކުރާ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ކެމްޕޭން ވައުދެކެވެ.