ކުރިއަށް މިއޮތް ހަފުތާ ވެގެންދާނީ މާތް ﷲގެ އިރާދަފުޅާއެކު، އުފާވެރި ފިޠުރު ޢީދާ މުސްލިމު އުއްމަތް ބައްދަލުކުރާނެ ހަފުތާއަކަށެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމާ ވިދިގެން އަޅުގަނޑުމެންނާ ބައްދަލުކުރާ ފިޠުރު ޢީދުގެ އުފާވެރިކަމަކީ، ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް އެއުފަލެއް ފާހަގަކުރަމުންދާ އުފަލަކަށް ވާއިރު ފިޠުރު ޢީދަށް ތައްޔާރުވުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ މަސައްކަތް ފަށާފައެވެ.

ދުނިޔޭގެ ހުޅަނގުން އިރަށް ފެތުރިފައިވާ ބިންތަކުގައި ދިރިއުޅެމުންދާ އެކެއް ޕޮއިންޓް ފަހެއް ބިލިއަނަށްވުރެ ގިނަ މުސްލިމުން ފިޠްރު ޢީދުގެ މުނާސަބާއަށް އިންތިޒާރު ކުރަމުންދާއިރު، ޢީދަށް ތައްޔާރުވުމުގެ ގޮތުން އެމީހެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޒީނަތްތެރިވުމަށް އާ ހެދުން ހޯދާ ހަދައެވެ. ނަމަވެސް މިކަން ކުރަނީ ދެއްކުންތެރިކަމުގެ އިމާ ގާތްވާހާ މިނާވެސް ދުރުންކަން ފާހަގަކުރަންޖެހެއެވެ.

ޢީދުގެ މުނާސަބާއާއި ދިމާކޮށް ސައުދީ އަރަބިއްޔާގައި ކުޑަކުދިންނަށް ހަދިޔާ ބަހަނީ/ފޮޓޯ: ސްކޫޕް އެމްޕަޔާ

ފިޠުރު ޢީދަށް ހަނދު ފެނިއްޖެކަން އިޢުލާންކުރެވުމާއެކު، ނުވަތަ ރަމަޟާން މަހުގެ ތިރީސްވަނަ ދުވަހުގެ އިރު އޮއްސުމާއެކު، މުސްލިމުތަކުން އެކަކު އަނެކަށް ޢީދުގެ ސަލާންގަލާން ކުރަން ފަށައެވެ. ޢީދު ތަޙްނިޔާ ފޮނުވުމާ، ޢީދު ހަދިޔާ ވެދުން ކުރުމަށް އަވަސްވެގަނެއެވެ. ޒަމާނުއްސުރެ ފެށިގެން މިކަން ކުރަމުން އައިސްފައިވާ ގޮތާ، ތަރައްޤީވަމުން ދާ އަދުގެ ދުނިޔޭގައި މިކަން ކުރާ ގޮތާ ކޮންމެވެސް ވަރެއްގެ ފަރަޤެއް ހުރިކަން ފާހަގަކުރަންޖެހެއެވެ. އަދުގެ ޒަމާނީ ޓެކްނޮލޮޖީއާއެކު ގުގުމުންދަނީ އަތުގައި އޮތް ސްމާޓްފޯނުތަކެވެ. ނަމަވެސް މިއިން ކޮންމެ ގޮތެއްގައިވެސް ބޭނުންކުރަނީ ޢާންމު ލަފްޒެކެވެ. – އެއީ، "ޢީދު މުބާރަކް"! މި ލަފުޒެވެ.

ވަކި ޤައުމެއް ވަކި ޢުމުރެއް ނެތި، މުސްލިމު އަޚުންނާ އުޚުތުން އެކަކު އަނެކަކަށް ޢީދު ތަޙްނިޔާ ރައްދުކުރަމުންދާއިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޢީދު މުނާސަބާ ފެށިގެން އަންނަ ގޮތަށް ބަލާލަމާތޯއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ މުސްލިމް ކޮންމެ ޤައުމެއްގައިވެސް ޢީދުގެ ރަސްމީ މުނާސަބާ ފެށިގެންދަނީ ޢީދު ދުވަހު ހެނދުނު ކުރެވޭ ޢީދު ނަމާދުންކަމެވެ. ބޮޑެތި، ހުސް މައިދާންތަކަށް ވީ ހާވެސް ގިނަ މީހުނެއް ޖަމާވެ، ކުރެވޭ ޢީދު ނަމާދުން ދުވަހުގެ މުނާސަބާ ފެށިގެންދަނީ، އިއްވޭ ޢިބްރަތުން ފުރިފައިވާ ޢިލްމުވެރި ޚުތުބާއަކުންނެވެ.

އުތުރު އެމެރިކާ ސަރަހައްދުގައި ދިރިއުޅޭ މުސްލިމުން، މީގެ ކުރީ އަހަރެއްގެ ޢީދު ނަމާދަށްފަހު އެކަކު އަނެކަކާ ބައްދަލުކޮށް ސަލާމްކުރަނީ/ފޮޓޯ: ސްނެޕްސްއިންޑިއާ

ޢީދު ނަމާދުން އަވާދިވުމާއެކު، އެކަކު އަނެކާ ސީދާ ގޮތުން ބައްދަލުކޮށް، ޢީދު މުބާރަކް ބަދަލުކޮށް ހަދަމުން ދަނީ ހިނިތުންވުމާ، އުފާވެރިކަމާއެކުގައެވެ. އަނެކާއަށް ބާއްޖަވެރިކަމާ ހިތްހަމަޖެހުން އެދެމުން ޢީދުގެ ސަލާންގަލާން ކުރަމުންދާއިރު، ކުރިން ޖެހުނު "ސިޔާސަ" ކުންފުންޏެއްގެ ކިލަނބުކަމެއް އެ މޫނުތަކުން ނުފެނެއެވެ. ނަމާދަށްފަހު، ހަމަ ހުސްބިމުގައި ޢީދު ދުވަހުގެ ހެނދުނުގެ ސައި ފެށިގެންދެއެވެ. މި ކަން ވެގެންދަނީވެސް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ، އުފާވެރިކަމުގެ އިޙްސާސްތައް ބަދަލުކުރެވިގެންދާ ނާސްތާއަކަށެވެ.

ކޮންމެ ޤައުމެއްގައިވެސް މިކަން އޮންނަނީ ހަމަ މިގޮތަށެވެ.

ސައުދީ އަރަބިއްޔާ

ފިޠްރު ޢީދުގެ އުފަލާ ދިމާކޮށް، ސަޢުދީގެ ގެތަށް ޒީނަތްތެރިކޮށް ހަދައެވެ. އަދި ޢާއިލާގެ މެމްބަރުންނަށް މީރު ކެއުންތައް ތައްޔާރުކުރެއެވެ. ޢީދު ނަމާދަށްފަހު، ކޮންމެ ގެއެއްގެވެސް އިސްކޮށް ހުންނަ ފިރިހެން މީހާގެ ޢާއިލާގެ ގެޔަށް، އެގެއެއްގެ އެންމެން ޖަމާވެ، ކެއުމަށް އިންސާފުކުރެއެވެ. ނަމަވެސް ޢީދު ނާސްތާއަށް ފެށުމުގެ ކުރިން، ކުޑަކުދިންނަށް ފައިސާއާއި އެނޫންވެސް އިނާމް ހަދިޔާކޮށް ހެދުމުގެ ސަގާފަތެއް ސައުދީގައި އޮވެއެވެ. ހަދިޔާގެ ގޮތުގައި ޢާންމުކޮށް ދީ އުޅެނީ، ފޮނިކާތަކެއްޗާ ކުޅޭ އެއްޗިއްސެވެ. އަދި ކައިރި ހިސާބުތަކުގައި އުޅޭ، އަވަށްޓެރިންނަށް ކާން ދިނުމަށްޓަކައި، މަގުތަކަށްވެސް ސުފުރާތައް ނެރެ ހަދާ މަންޒަރު ސައުދީއިން ފެނިގެންގޮސްފައިވެއެވެ.

އިންޑިއާއަށް ނިސްބަތްވާ މުސްލިމުންތަކެއް މީގެ ކުރީ އަހަރެއްގެ ޢީދު ނަމާދަށްފަހު ބައްދަލުކޮށް، ޢީދު ސަލާމް ކުރަނީ/ފޮޓޯ: އަލްޖަޒީރާ

ސަޢުދީ ޢަރަބިއްޔާއިން ފާހަގަކޮށްލެވޭ އެންމެ ޚާއްސަކަމަކީ ޢީދު ދުވަހާ ދިމާކޮށް، ފޯރާ މީހުން، ގިނަ ޢަދަދަކަށް ކާޑުގެ ބާވަތްތައް ގަތުމަށްފަހު، އެވަރުގެ ފޯރުންތެރިކަން ނުހުންނަ މީހުންގެ ގޭގެ ދޮރުމަތީގައި، ކާކު ބެހެއްޓި އެއްޗެއްކަން ނޭނގޭ ގޮތަށް ބަހައްޓަމުން ދިއުމުގެ ޘަޤާފަތެއް އޮންނަކަމެވެ.

އިންޑޮނޭޝިއާ

މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮތް ގައުމަކީ މިއީއެވެ. ޢީދު ވިލޭރޭއަށް ފެށުމާއެކު، ތަކްބީރުގެ އަޑުން މުޅި ގައުމު އެއްއަޑުކޮށްލައެވެ. ޢީދު ދުވަހު ޢީދު ނަމާދަށްފަހު، އެކަކު އަނެކަކަށް ޢީދު ތަޙްނިޔާ ކިއުމުގެ އާދަ މި ގައުމުގައިވެސް އޮވެއެވެ. ޢީދު ދުވަހާ ގުޅުވައިގެން އިންޑޮނޭޝިއާގެ ރައްޔިތުން ހެދުން އެޅުމުގައި ބޭނުންކުރަނީ އެޤައުމުގެ ޤައުމީ ހެދުމެއްކަން ފާހަގަކުރަންޖެހެއެވެ. މީގެ އިތުރުން، ޢާއިލާގެ މަރުވެފައިވާ މެމްބަރުންގެ މަޤުބަރާއަށް ޒިޔާރަތްކޮށް އެމީހުންނަށް ހެޔޮ ދުޢާކޮށް، އެ ސަރަޙައްދު ސާފުކޮށް ހެދުމަކީވެސް ޢީދާ ގުޅުވައިގެން އިންޑޮނޭޝިއާގައިކޮށް އުޅޭކަމެކެވެ.

އެމެރިކާ

އިންޑޮނޭޝިއާއާއި ސައުދީ އާއި އެއް ފެންވަރެއްގައި ނޫން ނަމަވެސް، އެމެރިކާގައިވެސް ޢީދުގެ އުފާފާޅުކުރުންތައް އޮވެއެވެ. ޢީދު ދުވަހާ ގުޅުވައިގެން ބޮޑެތި ޕާކުތަކާ، ސްކޭޓް ރިންކްތައް ދުރާލާ ރިޒަރވްކުރެވެއެވެ. އަދި އެމެރިކާގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމް ޢާއިލާތަކުން މި ސަރަޙައްދުތަކަށް ޖަމާވެއެވެ. ސަޢޫދީއެކޭ އެއްގޮތަށް އެމެރިކާގައިވެސް ފިޠްރު ޢީދާ ގުޅުވައިގެން ކުޑަކުދިންނަށް ހަދިޔާ ދީ ހެދުމުގެ ސަގާފަތެއް ވަނީ ފެށިފައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފިޠްރު ޢީދުގެ އުފާފާޅުކުރުންތައް ކުރިޔަށްދާއިރު، ޙާލުގައިޖެހިފައި ތިބި އެތަކެއް މުސްލިމުންނެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބިކަން ހަނދާކުރަންޖެހެއެވެ. އެންމެ އިރުމަތީ މިޔަންމާއިން ފެށިގެން، މެދުއިރުމައްޗާ އެފްރިކާއަށް ބަލާއިރު، ފަލަސްޠީނު، ސޫރިޔާ އަދި މިހާރު ޔަމަންގެ އެތަކެއް އަޚުންނާ އުޚުތުންނެއް ނުރައްކަލާ ކަންބޮޑުވުމުގައި ތިބިއިރު، ސޯމާލިއާ އާއި އަފްޣާނިސްތާނު ފަދަ ޤައުމުތަކުގައި ތިބި އަޅުގަނޑުމެންގެ މުސްލިމު އަޚުންނާ އުޚުތުންގެ މަތީން ހަނދާން ނައްތާލައިގެން ނުވާނެއެވެ.