ފައިދިގުމަކުނު-ވިހަ އުފެއްދޭ ގޮތަށް ޖީންސްއާއި ކުޅެފައިވާ ފަންގަހެއްގެ އެހީގައި، މެލޭރިއާ ޖައްސާ މަދިރި، ފަސޭހަ ކަމާއެކު ނައްތާލެވެމުންދާކަމަށް ދިރާސައަކުން ދައްކައިފިއެވެ.

ބުރުކީނާ ފާސޯގައި ކުރިއަށްގެންދިޔަ ތަހުލީލުތަކުގެ ނަތީޖާއަށް ބަލާއިރު، މެލޭރިއާ ޖައްސާ މަދިރީގެ އާބާދީގެ %99، 45 ދުވަހުގެ ތެރޭގައި ވަނީ ނައްތާލެވިފައެވެ.

ބުރުކީނާ ފާސޯގައި ޔުނިވާސިޓީ އޮފް މެރިލަންޑްއިން ހިންގި ފޭކު އަވަށުގައި މަދިރި އާލާވާ ގޮތް ދިރާސާކުރަނީ/ފޮޓޯ: އޮލިވާ ޒީޑާ

ލޭބޯ އަންހެން ޖިންސުގެ މަދިރީގެ ޒަރިއްޔާއިން ފެތުރޭ މެލޭރިއާ ބަލީގައި އަހަރެއްގެ މައްޗަށް މިހާރުވެސް 400000 އެއްހާ މީހުން މަރުވެދެއެވެ. ދުނިޔޭގެ އެކި ހިސާބުތަކުން މެލޭރިއާ ޖެހިގެން އަހަރެއްގެ މައްޗަށް 219 މިލިއަން ކޭސް ރިޕޯޓްކުރެވެއެވެ.

ޖީންސްއަށް ބަދަލުތަކެއް ގެނެސް، ފައިދިގުމަކުނުގެ ވިހަ އުފެދޭ ގޮތަށް ފަންގަސް ބޭނުންކޮށްގެން މި ދިރާސާކޮށްފައިވަނީ އެމެރިކާގެ ޔުނިވާސިޓީ އޮފް މެރީލަންޑްއިންނެވެ.

ބުރުކީނާ ފާސޯގައި ޔުނިވާސިޓީ އޮފް މެރިލަންޑްއިން ހިންގި ފޭކު އަވަށް/ފޮޓޯ: އެޓައިނީން ބިލްގޯ

މި ދިރާސާކޮށްފައިވަނީ ބުރުކީނާ ފާސޯގައި، 6500 އަކަފޫޓު "ފޭކު" އަވަށެއް އަޅައިގެންނެވެ. ގަސްގަހާގެހިވެސް ހައްދައިގެން ހެދި މި އަވަށުން މަދިރިއެއް ބޭރުވިޔަ ނުދިނުމަށްޓަކައި ދެ ފަށަލައަށް މަދިރިގެވެސް ޖަހާފައިވެއެވެ. ދިރާސާކުރަން ފެށީ 1500އެއްހާ މަދިރި، އެ އަވަށު ތެރެއަށް ވެއްދުމަށްފަހުގައެވެ. ނަމަވެސް ފަންގަސް ބޭނުންކޮށް ދިރާސާ ނިންމާލިއިރު ބާކީ ތިބީ އެންމެ 3 މަދިރިކަމަށްވެއެވެ. މަދިރިތައް މަރުވަނީ ފަންގަހުގެ އަސަރުކޮށްގެންނެވެ.

ދިރާސާ ޓީމުން ބުނީ ދެން އޮތީ އާންމު ދުނިޔޭގެ ދިރިއުޅާ ވީހާވެސް ގާތުން މި ފަންގަސް ޓެސްޓުކުރުންކަމަށެވެ.

މި ދިރާސާ އާންމުކޮށްފައިވަނީ ސައިންސް ޖާނަލްގައެވެ.