ވިދިވިދިގެން ދެވަނަ ދައުރަކަށް ބޮޑުވަޒީރު ކަމުގެ މަގާމު ހުވާކުރައްވާފައިވާ ނަރޭންދްރާ މޯދީގެ ދެވަނަ ދައުރުގެ ވެރިކަމުގައި އިންޑިއާގެ ހާރިޖީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފާ ކަމަށް ސިޔާސީ މުރާސިލުން ބުނަން ފަށައިފިއެވެ.

މަގާމުގެ ހުވާކުރެއްވުމަށް ބުރާސްފަތި ދުވަހު ރަޝްތްރަޕަތީ ބަވަންގައި ކުރިއަށް ދިޔަ ހާއްސަ އިހުތިފާލުގެ އިތުރުން ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ މޯދީގެ ދަތުރުފުޅުތައް ހަމަޖެހިފައިވާ ގޮތުން މިކަމަށް ހެކި ލިބޭކަމަށް މުރާސިލުން ބުނެއެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ 2 ވަނަ ދައުރު ފެއްޓެވުމަށްފަހު ބޭރުގައުމަކަށް މޯދީ ފުރަތަމަ ވަޑައިގަންނަވާނެ ގައުމަކީ ދިވެހިރާއްޖެއެވެ. މޯދީގެ ރަސްމީ ފުރަތަމަ ދަތުރުފުޅު އިސްލާމީ ގައުމަކަށް ކުރަން ނިންމެވި ނިންމެވުމަކީ ހާރިޖީ ސިޔާސަތަށް ގެންނަވާ އިންގިލާބީ ބަދަލުގެ އެންމެ ވަރުގަދަ އެއް އިޝާރާތް ކަމަށް މުރާސިލުން އިއްތިފާގުވެއެވެ. މީގެ އިތުރުން 2018 ވަނަ އަހަރުގެ ފަހަކާ ޖެހެންދެން ދިވެހިރާއްޖެއަކީ އިންޑިއާގެ އެންމެ ވަރުގަދަ ވާދަވެރިޔާކަމުގައިވާ ޗައިނާގެ "ނުފޫޒުގެ" ދަށުގައި އޮތް ކަމަށްވާއިރު، މޯދީގެ ދަތުރުފުޅަކީ ޗައިނާއަށް ދެއްވާ ވަރުގަދަ މެސެޖެއް ކަމަށް ސިފަކުރާ މުރާސިލުންނެވެ މަދެއް ނޫނެވެ.

ދިވެހިރާއްޖޭގެ އިތުރުން މޯދީގެ ފުރަތަމަ ދަތުރުފުޅުގެ ތެރެއިން ސްރީލަންކާއަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިކަމަކީ ދެކުނު އޭޝިއާގެ ސަރަހައްދަށް އިންޑިއާއިން ދޭ ސަމާލުކަން ދައްކުވާދޭ ކަމެއް ކަމަށް ބުނެއެވެ.

މޯދީ ހުވާކުރެއްވި ރަސްމިއްޔާތަށް ބަލާއިރުވެސް މުޅިންހެން ފެނިގެން ދިޔައީ ދެކުނު އޭޝިއާއާއި އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އިސްވެރިންނާ ލީޑަރުން ކަމުން، ދެވަނަ ދައުރުގައި މޯދީގެ ޚާރިޖީ ސިޔާސަތު ރާވާލެވިފައިވާ ގޮތް ތަސްވީރުވެގެން ގޮސްފައިވާކަމަށް އިންޑިއާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިއްތިފާގުވެއެވެ.