2016 ވަނަ އަހަރު އެމެރިކާގައި ކުރިއަށްގެންދިޔަ ރިޔާސީ އިންތިހާބުގައި ރަޝިޔާގެ ނުފޫޒު އޮތް ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި ދެކޮޅަށް ހާއްސަ ތަހުގީގެއް ކުރިއަށް ގެންދެވި ސްޕެޝަލް ކައުންސެލް ރޮބާޓް މުލާގެ ރިޕޯޓްގައި، އަދުލުއިންސާފުގެ ނިޒާމަށް ޓްރަމްޕް ހުރަސް އެޅުއްވިކަން ނުވަތަ ނޫންކަން ކަނޑައެޅިގެން ބަޔާންކުރެއްވުމާ ގާތަށް މުލާއަށް ވަޑައިގެންނެވިފައިވުން އެކަށީގެންވާކަމަށާ، ނަމަވެސް މުލާ އެކަން އިހުތިޔާރު ނުކުރެއްވީ ކަމަށް ވިދާޅުވެ، އެމެރިކާގެ ބަންޑަރަ ނައިބު ވިލިއަމް ބާ، ތުހުމަތުތަކެއް ފެންމަތިކުރައްވައިފިއެވެ.

ވެރިކަމުގައި ހުންނެވި ރައީސަކު މަގާމުން ޢަޒުލުކުރުމާ ގުޅޭ ގޮތުން އެމެރިކާ ޖަސްޓިސް ޑިޕާޓްމަންޓްގެ ގަވައިދުގެ ބުނާ ގޮތުން ޓްރަމްޕް ޢަޒުލުކުރެވޭނެ ފުރުސަތު ނެތް ކަމަށާ، ރައީސްގެ ފަރާތްޕުޅުން އިންސާފުން އެއްކިބާވެފައިވާ ޖަރީމާއެއް ހިންގެވިކަމުގައި ވީ ނަމަވެސް، ޢަޒުލުކުރުމަށް ނުނިންމަވާނެ ކަމަށް މުލާ ވަނީ ހުސްވި ހަފުތާ ތެރޭގައި ވިދާޅުވެފައެވެ.

މުލާ މިފާދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާއިރު، މި ތަހުގީގެ އެންމެ ފަހު މަރުހާލަތަށް ވަރަށް ގާތުން ބެއްލެވި ޓްރަމްޕްގެ މަންދޫބު ބާ ވިދާޅުވީ، ޢަޒުލުނުކުރެއްވި ނަމަވެސް، ވަކި ގޮތެއް މުލާއަށް ކަނޑައެޅުއްވުނީސް ކަމަށެވެ.

ޓްރަމްޕްއާއި ދެކޮޅަށް މުލާ ހިންގެވި ތަހުގީގުގައި، ގާނޫނާ ގަވައިދާ ހިލާފަށް ކިތަންމެ ކަމެއް ޓްރަމްޕް ކުރެއްވިކަމަށް ހެކި ލިބޭ ވާހަކަތަކެއް ވަނީ ފެންމަތިކުރައްވާފައެވެ. ނަމަވެސް އަދުލު އިންސާފުގެ ނިޒާމަށް ޓްރަމްޕް ހުރަސް އަޅުއްވާ، ނުފޫޒު ފޯރުއްވާފައިވާކަމަށް ކަނޑައެޅިގެން ބަޔާންކުރައްވާފައެއް ނުވެއެވެ. މިކަމުގައި ގޮތެއް ނިންމެވުމަށް މުލާ ދޫކޮށްލެވީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށެވެ.