އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރު ކަށަވަރުކުރައްވާފައިވާ ބީޖޭޕީގެ ނަރޭންދްރާ މޯދީ، ބޮޑުވަޒީރު ކަމުގެ ހުވާ މިއަދު ހަވީރުކުރައްވާނެއެވެ.

އުމުރުފުޅުން 68 އަހަރުގެ މޯދީއަކީ ފާއިތުވީ ބައިގަރުނަށް ބަލާއިރު އިންޑިއާގެ ތާރީހުގައިވެސް ވިދިވިދިގެން 2ދައުރަށް މަގާމު ދިފާއުކުރެއްވި ފުރަތަމަ ބޮޑުވަޒީރެވެ.

އިރުއޮއްސި 06:00 ގައި ރަޝްތްރާބަތީ ބަވަންގައި ކުރިއަށްދާ ހާއްސަ ރަސްމިއްޔާތުގައި މޯދީއަށް ހުވާލާދެއްވާނީ އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދްއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ އިސްވެރިންގެ ތެރޭގައި ބަންގްލަދޭޝްގެ ރައީސް އަބްދުލް ހާމިދު، ސްރީލަންކާގެ ރައީސް މައިތްރީޕާލަ ސިރިސޭނާ، މިޔަންމާގެ ރައީސް ޔޫ ވިން މިންޓް، ބޫޓާންގެ ބޮޑުވަޒީރު ލޯޓޭ ޝެރިންގް، ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޯލީ އަދި ތައިލަންޑްގެ ހާއްސަ މަންދޫބު ގްރިސާދާ ބޯންރާޗް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކިރިގިސްތާނުގެ ރައީސްއާއި މޮރިޝަސްގެ ބޮޑުވަޒީރުވެސް މިއަދު ހަވީރުގެސް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެއެވެ.