އިންޑިއާގެ ވިޔަފާރީ މަރުކަޒީ ރަށް މުމްބާއީގައި ހިންގާ ދައުލަތުގެ ހޮސްޕިޓަލެއްގައި ޒުވާން ޑޮކްޓަރު ޕާޔަލް ތާޅުވީ އަމިއްލައަށް މަރުވި މައްސަލައާއި ގުޅިގެން ތުހުމަތުގެ އިނގިލި އަމާޒުކުރެވެމުންދާ 3 ޑޮކްޓަރަކު ހައްޔަރުކޮށްފިއެވެ.

ބީވައިއެލް ނައިރު ހޮސްޕިޓަލުގެ ގައިނެކޮލޮޖީ ޑިޕާޓްމަންޓްގައި މަސައްކަތްކުރަމުން ދިޔަ ޖޫނިއާ ޑޮކްޓަރު ޕާޔަލް އަމިއްލަ މަރުވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ޑރ ޕާޔަލް ދަންޖެހިގެން އަމިއްލައަށް މަރުވީ، އެ ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އިސް ޑޮކްޓަރުންތަކެއްގެ ފަރާތުން ކުރިމަތިވަމުން ދިޔަ ފުރައްސާރަ ކުރުންތަކެއްގެ ސަބަބުން ކަމަށް ބުނެވެއެވެ.

ޑރ ޕާޔަލްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޑރ ބައްޓީ މެހްރީ، ޑރ ހިމާ އަހޫޖާ އަދި ޑރ އަންކީތާން ހާންދިލްވާލްއެވެ. ޑރ ޕާޔަލްގެ މަންމަ ތުހުމަތުކުރާ ގޮތުގައި އޭނާގެ ދަރިފުޅު މި ދުނިޔެއާއި ވަކިވެގެދިޔައީ މި 3 ޑޮކްޓަރުން އެތައް މަހެއް ވަންދެން ކުރިމަތިކުރަމުން ދިޔަ ފުރައްސާރައިގެ ސަބަބުންނެވެ. ނަމަވެސް މި 3 ޑޮކްޓަރުން ވެސް ދަނީ މި ދައުވާއަށް އިންކާރު ކުރަމުންނެވެ.

ޑރ ޕާޔަލްގެ ފިރިމީހާ ސަލްމާން ތާޅުވީ ބުނީ މި 3 ޑޮކްޓަރުންނަކީ ޕާޔަލް ނިސްބަތްވި ނަސްލުގެ ސަބަބުން ވަޓްސްއެޕް ގުރޫޕުގައި އޭނާއަށް ފުރައްސާރަކުރި ޑޮކްޓަރުންތަކެއް ކަމަށާއި، އެމީހުންނަށް އެންމެ ހަރުކަށި އަދަބުން އަދަބު ދެވެންޖެހޭނެ ކަމަށެވެ.

ޑރ ޕާޔަލްގެ މަންމަ ބުނީ 3 ޑޮކްޓަރުންގެ ޝަކުވާ ރަސްމީކޮށް މީގެ ކުރިން ހުށަހަޅާފައި ނުވަނީ، ދަރިފުޅުގެ ކެރިއަރަށް ބުރޫއަރާނެ ކަމުގެ ބިރައްޓަކައި ކަމަށް ބުނެ އެ ދަރިފުޅު އެދުނު އެދުމެއްގެ މަތިން ކަމަށެވެ.

ޑރ ޕާޔަލްގެ މަންމަ ކިއާދިން ގޮތުގައި ކުދިކުދި ކަންކަމުގައި ވެސް އަނެއް 3 ޑޮކްޓަރުން ވަރަށް ބޮޑަށް ޕާޔަލްއަށް ފުރައްސާރަކުރެއެވެ. އެގޮތުން ބަލިމީހުންގެ ކުރިމަތީގައި ވެސް ޑރ ޕާޔަލްގެ އަގުވެއްޓޭ ފަދަ އަމަލުތައް ހިންގާ، އޭނާގެ ގަޔާ ދިމާލަށް ފައިލް ފަދަ ތަކެތި އުކާ ހަދާފައިވާ ކަމަށް ޕާޔަލްގެ މަންމަ ވަނީ ކިއާދީފައެވެ.

ޑރ ޕާޔަލްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ 3 ޑޮކްޓަރުން ވަނީ ވަގުތީ ގޮތުން ސަސްޕެންޑްގެ ކުރެވިފައެވެ.