މެއި މަހުގެ 30 ވަނަ ދުވަހު މަގާމުގެ ހުވާކުރައްވާ އިންޑިއާގެ އާ ސަރުކާރުގައި 60-66 އާއި ދެމެދު އަދަދަކަށް ވަޒީރުން ތިއްބަވާނެ ކަމަށް އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ ޚަބަރުތައް ބުނެފިއެވެ.
ތާރީހީ ބޮޑު ތަފާތަކުން 17 ވަނަ އާންމު އިންތިހާބުގައި ކުރި ހޯދާފައިވާ ބީޖޭޕީގެ އާ ސަރުކާރު އެކުލައްވާލައްވާނެ ގޮތަކާ ބެހޭ ގޮތުން، ބޮޑު ވަޒީރުކަމުގެ ދެވަނަ ދައުރު ކަށަވަރުކުރައްވާފައިވާ ނަރޭންދްރާ މޯދީއާއި ބީޖޭޕީގެ ރައީސް އަމީތު ޝާހު ވަނީ 5 ގަޑިއިރެއްހާއިރު ވަންދެން މަޝްވަރާވެސް ކުރައްވާފައެވެ.
އަމީތު ޝާހުއާއިއެކު މޯދީ މިހާ ގިނައިރުތަކެއް ވަންދެން މަޝްވަރާކުރައްވާފައިރު، ބީޖޭޕީގެ އާ ސަރުކާރުގައި އެޕާޓީގެ ލީޑާޝިޕުން އަމީތު ފެނިދާނެ ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
އިތުބާރުހުރި މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ ޚަބަރުތައް ބުނާ ގޮތުގައި، މިފަހަރުގެ މަޖިލީހުން އާ މޫނުތަކެއް ގިނަ އަދަދަކަށް ފެނިގެންދާއިރު ވަޒީރުންގެ ކައުންސިލަށްވެސް ގިނަ އަދަދެއްގެ މެމްބަރުން އައްޔަންކުރެވިގެންދާނެއެވެ. އަދި ނިމިދިޔަ 5 އަހަރުގެ މަސައްކަތަށް ބަލާ، ބައެއް ވަޒީރުންނަށް އިތުރު ފުރުސަތެއް ނުދެއްވުމަށް ނިންމަވާފައިވާކަމަށްވެސް އަޑުތައް ވަނީ ފެތުރިފައެވެ.