ގުދުރަތީ ވެށީގެ މަންޒަރުތައް ތަސްވީރެއްގެ ސިފާގައި ރައްކާކުރުމުގައި ފޮޓޯގްރާފަރުން ވަރެއް ހަމަ ނެތޭވެސް ދެންނެވިދާނެއެވެ. ވަކިން ހާއްސަކޮށް އާދަޔާ ހިލާފު ޖަނަވާރާ ދޫނި ސޫފާ ސޫފީގެ މަންޒަރުތައް ފޮޓޯނެގުމުގައި ހަރަކާތްތެރިވާ ފޮޓޯގްރާފަރުންގެ ހިއްސާ، މިކަމުގައި އިންތިހާއަށް ބޮޑެވެ. އާންމުންނަށް ގޮސް އުޅެން ދަތި ހިސާބުތަކަށް ގޮސް އާދަޔާ ހިލާފު ދިރުންތަކުގެ މަންޒަރުތައް ނަގާ، މީހުން އާޝޯހް ކުރުވައިގެން އެތައް ހާސް ޑޮލަރެއް ހޯދަމުންދާއިރު، މިފަހަރު އިންޓަނެޓްގެ ސަމާލުކަން ދަމައިގަތީ އާދައިގެ ފޮޓޯގްރާފަރެކެވެ.

ސްޓީވް ބީރޯ ނެގި އާދަޔާ ހިލާފު ތަސްވީރު/ފޮޓޯ:ސްޓީވް ބީރޯ

މިއީ މީގެ 10 އަހަރު ކުރިން ފޮޓޯނަގަން ފެށި ސްޓީވް ބީރޯ، މީގެ ދުވަސްކޮޅެއް ކުރިން ނަގާފައިވާ އާދަޔާ ހިލާފު ފޮޓޯއެކެވެ. މާ ސިންގާ ބިޔަ ބާޒެއް އޭގެ ބޮޑު ފިޔަގަނޑު ދެފަރާތަށް ހުޅުވާލާފައިވާއިރު އަޑީގައި އޮތް ފެންޑުގައި ދެކޮޅުންވެސް ޖެހޭ ނުޖެހޭ ހިސާބުގައި ފެންގަނޑު ކަފަމުން އަންނަނިކޮށް ކަނޑާލި މި ފޮޓޯގަނޑުގައި ބާޒު އޭނދީ ހަމަ ސީދާ ކެމެރާއަށް ބަލަހައްޓައިގެންނެވެ. އުދުހެމުންދާ ބާޒެއްގެ މިފަދަ ފުރިހަމަ ފޮޓޯއެއް މަދުން ނޫނީ ނެގިފައެއް ނެތެވެ.

ސްޓީވް ބީރޯ، އޭނާ ނެގި ފޮޓޯ ސޯޝަލް މީޑިޔާގައި ޕޯސްޓުކޮށްލުމާއެކު އޭނާގެ ނަން މުޅި ދުނިޔެއަށް ގުގުމާލީ ފަތުއަޑުކިޔާފައެވެ. ބާޒެއް ޝިކާރަކުރާހާ ހަލުވި މިނުގައެވެ.

ސޯޝަލް މީޑިއާ ހުރަސްކޮށް، ދުނިޔޭގެ ބޮޑެތި މީޑިޔާތަކަށްވެސް މި ފޮޓޯ މިހާރު އަރައިފިއެވެ.

މި ފޮޓޯ ނަގާފައިވަނީ އޮންޓާރިއޯގައި ހުންނަ ކެނޭޑިއަން ރެޕްޓާ ކޮންޒަވޭޓަރީގައެވެ. އެއީ ސްޓީވް ބީރޯއާއި ދިމާލަށް ބާޒު އުދެހެމުން އައި ވަގުތު ނެގި ފޮޓޯއަކަށްވާއިރު، އޭނާގެ ބޯމަތިން އަޅާފައި އެ ބިޔަ ބާޒު ދިޔަ ގޮތް އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ.