ބަލާބެލުމަށް ފިޓްކޮށް، އެފަދަ ދެވަނައެއް ނެތް ބިޔަ ހަށިގަނޑެއްގެ ވެރިއަކަށް ވުމުގެ މަގުސަދުގައި ބައެއް ފިރިހެނުން ކުރަމުންދާ ކަސްރަތުތަކުގެ ސަބަބުން، ދަރިއަކު ލިބުމުގެ ފުރުސަތު، މިފަދަ ބައެއް ފިރިހެނުންނަށް ސިއްހީ އިމުގެ ތެރެއިން ގެއްލިގެން ދާކަމަށް ސައިންސްވެރިން ބުނެފިއެވެ.
ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި ބޮޑީ-ބިލްޑްކުރާ މީހުންގެ ހަށިގަނޑުގޮތަށް ހަށިގަނޑުގެ ތަސްވީރު ބަދަލުކޮށްލުމަށް ސްޓެރޮއިޑްސް ބޭނުން ކުރުމާ، ބޮލުގެ އިސްތަށިގަނޑުގެ ވަރުގަދަކަން ދެއްކުމަށް ތަލަނުވާ މާއްދާތައް ބޭނުންކުރުމުގެ ސަބަބުން ފިރިހެނުންގެ ދަރިފަންޏަށް އެކަމުގެ އަސަރުކުރެއެވެ.
އެމެރިކާގެ ބްރައުން ޔުނިވާސިޓީގައި މިވަގުތު މަސައްކަތްކުރައްވަމުން ގެންދަވާ ޑޮކްޓަރ ޖޭމްސް މޯޒްމަން ވިދާޅުވީ، ދަރިއަކު ނުލިބިގެން އުޅުމަށްފަހު މައްސަލައެއް އުޅޭތޯ ބެލުމަށް ޓެސްޓު ހަދަން އަންނަ ގިނަ ފިރިހެނުންނަކީ އާދަޔާ ޚިލާފަށް ހަށިގަނޑު ބިޔަކޮށްފައި ތިބޭ މީހުންކަމަށެވެ. މިފަދަ ގޮތްގޮތަށް ހަށިގަނޑު ބިޔަކޮށްގެން އަންނަ ގިނަ މީހުންގެ ދަރިފަނި ނުހުންނަކަމަށް ޑރ. މޯޒްމަން ވަނީ ފާހަގަކުރައްވާފައެވެ.
ޔުނިވާސިޓީ އޮފް ޝެފީލްޑްގެ ޕްރޮފެސާ އެލަން ޕޭސީ ވިދާޅުވީ، ގިނަ ފިރިހެނުން ބޮޑީބިލްޑް ކުރަނީ އަންހެނުންގެ ހިތްތަކާ ކުޅެ އެމީހުން "ދަލުގައިޖެއްސުމަށް" ކަމުގައިވާއިރު، އެ އަންހެނުންނާއެކު ދިރިއުޅުމެއް ފަށަންވާއިރު އޮންނަނީ ދަރިއަކު ނުލިބޭ ވަރުވެފައިކަމީ އަދި އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.
މިކަން އެންމެ އާންމުކޮށް މެދުވެރިވަނީ ބޮޑީބިލްޑް ކުރާ ފިރިހެނުން ބޭނުންކުރާ އެނާބޯލިކް ސްޓެރޮއިޑްސްގެ ސަބަބުންނެވެ. މި ސްޓެރޮއިޑްސްގެ ސަބަބުން ފޮނުވާލާ ސިގުނަލެއްގެ ނަތީޖާއަކަށްވަނީ އެފް.އެސް.އެޗްއާއި އެލް.އެޗްގެ ނަން ދީފައިވާ 2 ހޯމޯނެއް އުފެއްދުމުގެ މަސައްކަތް، ހަށިގަނޑުން ހުއްޓާލުމެވެ. ނަމަވެސް މި 2 ހޯމޯންއަކީ ދަރިފަނި އުފެއްދުމަށް ހަށިގަނޑުން ބޭނުންކުރާ 2 ހޯމޯންއެވެ.
ޕްރޮފެސާ ޕޭސީ ވިދާޅުވާ ގޮތުގައި ބޮޑީބިލްޑް ކުރުމުގެ ނަމުގައި އެނާބޯލިކް ސްޓެރޮއިޑްސް ބޭނުންކުރާ މީހުންނަށް ދަރިއަކު ނުލިބުމުގެ ފުރުސަތު 90 ޕަސެންޓް ބޮޑެވެ.
މި ފަހަކަށް އައިސް ދަރިއަކު ނުލިބިގެން އުޅޭ ދެމަފިރިންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރު، މިކަމަކީ ހަމައެކަނި އަންހެން މީހާގެ ސަބަބުންވާ ކަމެކޭ ބުނެ ނިންމާލި ޒަމާން މާޒީވެއްޖެއެވެ. ކަމާބެހޭ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި، އެންމެ ބޮޑު ހިތާމައަކީ ފިޓްވެ ވަރުގަދަ ވުމުގެ ނަމުގައި ޅަ ޒުވާން ފިރިހެން ކުދިން ނޭނގި ތިބެ މިފަދަ ހިތްދަތިކަމަކާ ދިމާލަށް މިސްރާބު ޖަހާއިރުވެސް، އެ ކުދިންނަށް އެ މެސެޖު ފޯރުކޮށްދެވޭނެ ގޮތެއް ނެތުމެވެ.