އެންމެ ބޮޑު ސުޕަމާޓުތަކުން ފެށިގެން ކަންމަތީ ކަޑާގައި ހިންގާ ފިހާރައަށް ބަލާލިކަމުގައި ވީ ނަމަވެސް ދަތް އުނގުޅާ ބޭހުގެ ތަފާތު އެކި ބްރޭންޑްތައް ގަންނަން ލިބެން ހުރެއެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ދަތްއުނގުޅާ ބޭސް ގަންނައިރު ބަލަންޖެހެނީ ކޮން ކަމަކަށްތޯ ކުރެވޭ ސުވާލެވެ. ބަލަންވީ ދަތް ހުދުކޮށްދޭ ބޭހެއް ގަނެވޭތޯ ހެއްޔެވެ؟ ދަތް ސާފުކޮށްދޭ އެއްޗެއް ހެއްޔެވެ؟ ނުވަތަ އަރާމު ފިނިކަމެއް އިހުސާސްކޮށްދޭ ބޭހެއް ހެއްޔެވެ؟

މިހާތަނަށް ހޯދުނު ހޯދުންތަކަށް ބަލާއިރު، ދަތްއުނގުޅާ ބޭސް ގަންނައިރު ބަލަންޖެހޭ އޮންނަނީ 2 ކަމެކެވެ. އެއީ "ފްލޮރައިޑް" އަދި "އެބްރޭސިވް" މި 2 ލަފުޒު ފެނޭތޯއެވެ. މި 2 ކަންތަކަށް ބެލުމަށްފަހު، ތިބާ މިހާ ދުވަހާ ޖެހެންދެކަށް ދަތްއުނގަޅަން ބޭނުންކުރި ބޭސް ބަދަލުކުރަން ވެސް ޖެހިދާނެއެވެ.

އެބްރޭސިވް

އެބްރޭސިވްއަކީ ދަތްއުނގުޅާ ބޭހުގައި ހުންނަ ކުޑަ ރާޅުކަމެކޭވެސް ބުނެވިދާނެއެވެ. މިއީ ދަތްތައް ސްކްރަބް ކުރުމަށް އެހީވެދޭ ރާޅުކަމެކެވެ. މިފަދަ ރާޅުކަމެއް އެކުނުލެވޭނަމަ ދޫ އަދި ދަތްޕިލައާއި އަނގާގައި ހަރުލާފައި ހުންނަ ކުދިކުދި އެތިކޮޅާ، ކުދި ޖަރާސީމުތައް ނައްތާލާނީ ކިހިނެއްހެއްޔެވެ؟ އަނގާގައި އަށަގަންނަ ކުދި ކޮބަޑި ނައްތާލަ ދިނުމަށް އެހީތެރިވެދެނީވެސް މި އެބްރޭސިވްސްއެވެ. ދަތްއުނގުޅާ ބޭހުގައި އެބްރޭސިވްސްގެ ގޮތުގައި އާންމުކޮށް ބޭނުންކޮށްފައި ހުންނަނީ ކެލްސިއަމްކާބޮނޭޓް، ސިލިކާ އަދި މެގްނީޒިއަމް ކޮމްޕައުންޑެވެ. ބައެއް ކަހަލަ ދަތްއުނގުޅާ ބޭހުގައި ޗާކޯލްވެސް ބޭނުންކޮށްފައި ހުރެއެވެ. ޗާކޯލްގެ އެހީގައި އާދަޔާ ހިލާފަށް ހުދު ދަތްޕިލައެއް ލިބޭނެ ކަމަށް ބުނެ އިޝްތިހާރު ކުރާއިރު، މިއީ ފަހަރުގައި އެންމެ ރަނގަޅު ބޭހަކަށްވެސް ނުވެދާނެއެވެ. މިއީ ދަތްޕިލައާއި އަޅާ ބަލާއިރު ވަރަށް ބާރުގަދަ މާއްދާއެކެވެ. މިކަމުގެ ސަބަބުން ނޭދެވޭ އެތައް މައްސަލައަކާ ފަހުން ކުރިމަތިލާންޖެހިދާނެއެވެ.

ދަތްއުނގުޅާ ބުރުހުގައި ދަތްއުނގުޅާ ބޭސްޖަހަނީ/ފޮޓޯ: ޑަބްލިއުޕީ

ފްލޮރައިޑް

މިއީ އަލަށް އިވޭ ލަފުޒަކަށް ނުވެދާނެއެވެ. ފުދޭވަރަކަށް ގިނައިން އިޝްތިހާރުތަކުންވެސް އިވޭނެ ލަފުޒެކެވެ. ނަމަވެސް އެއީ ކޯންއެއްޗެއްކަން އެނގެނީ މަދު ބަޔަކަށޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ދަތްޕިލާގެ އެކި ހިސާބުތަކުގައި ހެދިފައިވާ ކުދިކުދި ބާތަކުގައި ގިނަ އަދަދަކަށް ޖަރާސީމު އަށަގަންނަގޮތްވެއެވެ. މިއީ ލޮލަށް ފެންނަ ޖަރާސީމެއްވެސް ނޫނެވެ. ނަމަވެސް މިއީ ދަތްޕިލާ ހަލާކުކޮށްލަން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ޖަރާސީމުތަކެކެވެ. މިކަން ކުރުމަށް ފުރަތަމަވެސް ހަމަލާ ދެނީ ދަތުގައި އެކުލެވޭ ގުދުރަތީ ކެލްސިއަމްގެ މާއްދާއަށެވެ.

ފްލޮރައިޑް ހަރަކާތްތެރިވާން ފަށަނީ މިހާހިސާބުންނެވެ. ދަތްތަކަށް ބޭނުންވާ މިނަރަލްތައް އަލުން ހޯދާދީ، ދަތްތައް ވަރުގަދަކޮށް ބިނާކުރުމުގެ މަސައްކަތްކުރަނީ ފްލޮރައިޑުންނެވެ. ދަތުގެ ޑޮކްޓަރުން އިރުޝާދު ދެއްވަނީވެސް ފްލޮރައިޑް އެކުލެވޭ ދަތްއުނގުޅާ ބޭސް ބޭނުންކުރުމަށެވެ.

ދަތްއުނގުޅާ ބޭސް އިޝްތިހާރަކުން ދެން ފެންނަ އިތުރު ސިފަތަކަކީ ތިބާގެ ހިތްހަމަޖައްސާދިނުމަށާ އެ ޕްރޮޑަކްޓް ވިއްކުމަށް ދައްކާ ސިފަތަކެކެވެ. އެގޮތުން ދަތް ހުދުކޮށްދޭ އޭޖެންޓުންނާ، ޖެލްގެ އިތުރުން ގިނަ ވަގުތަށް އަނގައިގެ މީރުވަސް ހިފެހެއްޓުމަށް ބޭނުންވާ މާއްދާތަކުގެ ސަބަބުން ދަތްޕިލާގެ ދުޅަހެޔޮކަމަށް ހަގީގަތުގައި ކުރާނެ މާ ބޮޑު ފައިދާއެއް ނެތެވެ.

ސަމާލުކަން ދޭންވީ ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 2 ފަހަރު ރަނގަޅަށް ދަތްތަކާ އަނގަތެރެ އަދި ދޫވެސް ދޮވެ ސާފުކުރުމަށެވެ. ދަތުގައި ނުރިއްސި ކަމުގައި ވީނަމަވެސް، ދަތުގެ ޑޮކްޓަރަށް ގަވައިދުން ދައްކާ، އެ ޑޮކްޓަރުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށެވެ.