އާދީއްތަ ދުވަހުގެ ރޭ ބަންގްލަދޭޝްގައި ދިން ވަރުގަދަ ހަމަލާގެ ޒިންމާ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުން އުފުލައިފިއެވެ.
މި ހަމަލާގައި ފުލުސް އޮފިސަރެއްގެ އިތުރުން 2 މީހަކަށްވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.
މި ހަމަލާގައި ޒަހަމްވީ މީހުންނަށް ފަރުވާ ދެމުންދާ ޑާކާ މެޑިކަލް ކޮލެޖު ހޮސްޕިޓަލަށް ޒިޔާރަތްކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޑާކާ ޕެޓްރޯޕޮލިޓަކް ޕޮލީސް ކޮމިޝަނަރު އަސަދުއްޒަމާން މިއާ ވިދާޅުވީ، މި ގޮވުމުގައި ގޮއްވާލި އެތި ހަރުކޮށްފައިވަނީ ފުލުހުންގެ ވެހިކަލްގައި ކަމަށް ބެލެވޭ ކަމަށާ، މި ހަމަލާ ދީފައިވަނީ ފުލުހުންނާ ދިމާލަށް ގޮވާއެއްޗެއް އެއްލައިގެން ކަމަށް ނުބެލެވޭ ކަމަށެވެ.
މިހާތަނަށް ކުރެވުނު ތަހުގީގުތަކަށް ބަލާއިރު ގޮއްވާލާފައިވަނީ ބަޔަކު އަމިއްލައަށް ހަދާފައިވާ އެއްޗެއް ކަމަށާ، ނަމަވެސް އެއީ މިހާތަނަށް ބަންގާޅު ގޮއްވާލާފައިވާ މިފަދަ އެއްޗިއްސަށްވުރެ ބާރުގަދަ ޑިވައިސްއެއް ކަމަށްވެސް ކޮމިޝަނަރު ވަނި ވިދާޅުވެފައެވެ.
މި ހަމަލާގެ ފަހަތުގައި ތިބީ ކޮންބައެއްކަން ބަންގާޅުން ރަސްމީކޮށް އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެމެރިކާގައި ގާއިމުކޮށްފައިވާ ސައިޓް އިންޓެލިޖެންސް ގުރޫޕުން ބުނީ ޑާކާގެ ފުލުހުންގެ ވޭނަކަށް އަމާޒުކޮށްގެން ދިން ހަމަލާގެ ޒިންމާ، އައިސިސް ޖަމާއަތުން އުފުލާފައިވާކަމަށެވެ.
ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ އުޅަނދަކަށް ނުވަތަ ޗެކްޕޯސްތަކަށް އަމާޒުކޮށް މިފަދަ ހަމަލާއެއް ދިނުމަކީ ފުލުހުންގެ ހިތްވަރު އެލުވާލުމުގެ ނިޔަތުގައްޔާ، ބަންގްލަދޭޝްއިން ޓެރަރިޒަމް ނައްތާލުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅުމުގެ ނިޔަތުގައި ހިންގާ އަމަލެއް ކަމަށެވެ.
2016 ވަނަ އަހަރުގެ ޖުލައި މަހު ބަންގްލަދޭޝްއަށް އަމާޒުވި ވަރުގަދަ ޓެރަރިސްޓް ހަމަލާއަށްފަހު އެގައުމުން ދަނީ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިން އަތުލައިގަތުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.
ސޫރިޔާއާއި އިރާގުގައި ހަރަކާތްތެރިވަމުންދިޔަ އައިސިސް ޖަމާއަތުގެ ބާރު އެ ސަރަހައްދުން ކަނޑުވާލެވުނު ނަމަވެސް އެ ޖަމާއަތް އަދި ނެތި ދިޔައީ ނޫންކަމަށް މުރާސިލުން ދަނީ ބުނަމުންނެވެ. ފަހުގެ ހާދިސާތަކަށް ބަލާއިރު، އައިސްގެ އަމާޒުފަތްގަނޑަކަށް މިހާރުވެފައި އޮތީ ދެކުނު އޭޝިއާކަން ފާހަގަކުރަންޖެހެއެވެ. އެގޮތުން އޭޕްރިލް 21ވަނަ ދުވަހު ސްރީލަންކާއަށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާގެ ޒިންމާ އައިސިސްއިން އުފުލާފައިވަނިކޮށް، ސްރީލަންކާއިން ފުރައިގެން އައިސިސްގެ ހަނގުރާމަވެރިންތަކެއް ކަނޑުމަގުން އިންޑިއާއަށް އެތެރެވި ޚަބަރަކީވެސް ދާދިފަހުން ފެންމަތިވި ޚަބަރުތަކެއްކަން ފާހަގަކުރަންޖެހެއެވެ.