ދެންމެ ދެންމެ އެމްޑީޕީ ފަޅަފަޅައިގެން ދިޔައީ ކަމަށް ބައެއް މީހުންނަށް ހީ ކުރެވި ކަންބޮޑުވުންތަކުގެ ވާހަކަ ސޯޝަލްމީޑިއާއާއި ސައިހޮޓާ އަދި ރެސްޓޯރަންޓުތަކުގައިވެސް ދިޔައީ ދައްކަމުންނެވެ. އެމްޑީޕީގެ 'މައި މޫ' ކަމަށް ވާ ރައީސް މުހައްމަދު ނަޝީދާއި 'ޖިގްރީ ދޯސްތް' ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު 'ޒަލްޒަލާ' އެއް އުފެދިއްޖެއޭ ކިޔައިގެން އެބަޔަކު ވާހަކަ ދެއްކިއެވެ.
އެއީ މާދަމާ އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ކަނޑައެޅުމުގެ މައްސަލައިގައި ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ދިޔުމުންނެވެ.
މަޖިލީހުގެ ރައީސަކަށް ގެންނަން ރައީސް ނަޝީދު ބޭނުންފުޅުވީ އަދި ތާއީދު ކުރެއްވީ އެމަނިކުފާނުގެ ވަރަށް އަރިސް އަދި ކެމްޕޭނު މެނޭޖަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށެވެ. އަސްލަމަކީ ރައީސް ނަޝީދަށް 'ވަފާތެރި' ބޭފުޅެއް ކަމަށް ލޭބަލް ވެފައި ވުމުގެ އިތުރުން މިހާރު ހިނގަމުންދާ ވެރިކަމުގެ ރިޔާސީ ކެންޑިޑޭޓަކަށް ރައީސް ނަޝީދަށް ފުރުސަތު ލިބިވަޑައިގެންނެވި ނަމަ ނައިބު ރައީސަކަށް އިހުތިޔާރު ކުރެއްވީހީވެސް އަސްލަމް ކަމަށް ގިނަ ބަޔަކު ބުނި ބޭފުޅެކެވެ.
މަޖިލީހުގެ ރައީސަކަށް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދު ކުރެއްވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށެވެ. ރައީސް ސޯލި ވިދާޅުވާ ގޮތުން އަފީފަކީ ރައީސް ސޯލިހާއެކު މަޖިލީހުގައި 3 ދައުރެއް ފުރުއްވާފައި ހުންނެވި ބޭފުޅަކަށް ވުމުގެ އިތުރުން 19 ވަނަ މަޖިލީހުގެ ރައީސް ކަމަށް އެންމެ ގާބިލު އެއް ފަރާތެވެ.
ސޯޝަލް މީޑިއާއާއި އެކިއެކި ގުނަންތަކުގައި ރައީސް ނަޝީދާއި ރައީސް ސޯލިހުގެ އާއިލާގެ ބައެއް ބޭބޭފުޅުން ބަހުގެ ހަމަލާތައް ބަދަލު ކުރިއެވެ. ރުޅިވެރިކަން ފާޅުވާން ހުރި މެސެޖުތައް މިހާރުވެސް އެބަހުއްޓެވެ.
މަންޒަރު ބަދަލުކޮށްލީ މިރެއެވެ. ދަރުބާރުގެއަށް އެންމެ މެންބަރުން ޖަމާވަމުން ދިޔަ އިރުވެސް ހީ ކުރެވިފައި އޮތީ މިރޭ 'ހުޅު ރޯވާނެ' ކަމަށެވެ. ކަންތައްވީ ދިމާ އިދިކޮޅަށެވެ. މަޖިލީހުގެ ރައީސަކަށް ގެންނާނެ ބޭފުޅަކާ މެދު ރަނގަޅު ބަހުސެއްވެސް ކޮށްނުލެވި އުޅެނިކޮށް 'ބާތްޑޭ ކޭކް' ފަޅާލިއެވެ. ހުރިހާ މެންބަރުން އިއްތިފާގުވެ ރައީސަކަށް ރައީސް ނަޝީދުގެ ގެނައުމަށް ފާސް ކުރިއެވެ. ނައިބު ރައީސަކަށް ދެބެންގެ ދެދަރި ކޮއްކޮ އީވާ ގެނައުމަށް ފާސް ކުރިއެވެ.
ރައީސް މައުމޫނު ވެރިކަމުގައި އާއިލީ ވެރިކަން ކުރައްވާތީ އެކަމާ ހަޖޫ ޖަހާ ފާޑު ކިއި ހަނދާން ކޮންމެވެސް ބަޔަކު ހުންނާނެއެވެ. އޭރު ލޮލަށް ނިދި ނައިސް އުޅުނީ އެވާހަކަ ހިފައިގެން އެއްތަނުން އަނެއް ތަނަށް ހިނގުމުގައެވެ. ދެން އައި ހުރިހާ ވެރިކަމެއްގައިވެސް އާއިލާ މީހުން ގާތް ކުރުމާ މަގާމުތައް ދިނުމުގެ ވާހަކަ ދެއްކިލެއް މަދެއް ނޫނެވެ.
މިއަދު މިވީ ކިހިނެއްތޯއެވެ. ވެރިކަމުގެ އާރުކާޓީ ތެރޭގައި 'އާއިލީ ވަންތަ' ކަން އޮތީ ކިހާ ވަރަކަށްތޯއެވެ. ކޮއްކޮއާއި ބޭބެއެވެ. ދައްތައާއި ދޮންތައާއި ދޮންބެއެވެ. ދެން އެހުރިހާ ތަފްސީލަކަށް ނުގޮސް ކުރުކޮށްލަމުން ދަންނަވަން އޮތީ މަޖިލީހުގައިވެސް ކޮއްކޮ އާއި ބޭބެއެވެ.