އަވަށްޓެރި އިންޑިއާގެ ޖަޒީރާ ރަށެއް ކަމަށްވާ ލަކްޝަދީބު ސަރަހައްދަށް އައިސިސްގެ ހަނގުރާމަވެރިންގެ ބަޔަކު އަރާފައިވާކަމަށް، އިންޑިއާގެ ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސްރީލަންކާއިން ފުރި އައިސިސްގެ 15 ޓެރަރިސްޓަކު ދަތުރުކުރަމުންދިޔަ ބޯޓު ލަކްޝަދީބަށް މިސްރާބުޖެހުމާއެކު އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އިންޑިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ފުލުހުން އެލާޓަށް ގެނެސްފައިވާނެ ކަމަށް އިންޑިއާގެ ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާގެ ޖާސޫސީ މަސްދަރުތަކާ ހަވާލާދީ އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ސޫރިޔާއާއި އިރާގުގައި ހަރަކާތްތެރިވި އައިސިސްގެ ހަނގުރާމަވެރިންނާ ގުޅިގެން އުޅުނު ގިނަ ބަޔަކު މިހާރުވެސް ދަނީ އިންޑިއާގެ ކެރެލާ ސްޓޭޓްގައި ދިރިއުޅެމުންނެވެ.

ޓެރަރިސްޓުންތަކެއް ލަންކާއިން ފުރައިގެން އިންޑިއާއަށް ދަތުރުކުރި މައްސަލައާއި ގުޅިގެން ލަންކާގެ ކަބާ ބެހޭ ފަރާތްތަކާ ސުވާލު ކުރުމުން ސްރީލަންކާ ކަނޑުގެ އަސްކަރިއްޔާގެ ތަރުޖަމާނު ލެފްޓިނެންޓް ކޮމާންޑަރު އިސޫރޫ ސުރިޔަބަންޑާރަ ވިދާޅުވީ، މިފަދަ ކަމެއްގެ މައުލޫމާތު، ރަސްމީ ސިފައެއްގައި ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށްފައި ނުވާކަމަށެވެ. ރަސްމީކޮށް އަންގާފައި ނުވި ނަމަވެސް، އައްސޭރިފަށުގެ ސަރަހައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާނެ ކަމަށްވެސް ސްރީލަންކާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.