ޕާޓީގެ އިސް އެއްވެސް މަގާމެއް ބޭނުން ފުޅު ނޫންކަމަށާ، އެދޭ ހަމައެކަނި ގޮތަކީ ޕާޓީގެ ފިކުރައިގެން ކުރިއަށް ވަޑައިގަތުން ކަމަށް، އިންޑިއާގައި ދާދިފަހުން ނިންމާލި އެގައުމުގެ 17 ވަނަ އާންމު މަޖިލީހުގެ އިންތިހާބުގެ ބޮޑު ފަރަގަކުން ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނު އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑާޝިޕުގައި އިސްކޮށްހުންނެވި ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ވާކިންގް ކޮމިޓީ (ސީޑަބްލިއުސީ)ގެ ބައްދަލުވުމެއްގައި ރާހުލް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާއިރު، އޭނާ ވަނީ އިންތިހާބުގާ ނާކާމިޔާބީއާއި ގުޅިގެން ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވަންވެސް ހުށަހަޅުއްވާފައެވެ. ނަމަވެސް ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން އެ އިސްތިއުފާ ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ.
މަހާތަމާ ގާންދީއަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރާހުލް ގާންދީ ވިދާޅުވީ، މަހާތަމާ ގާންދީއަކީ ޕާޓީގެ ފިކުރާ، ރައްޔިތުންނަށްޓަކައި މަސައްކަތްކުރެއްވި ޝަހްސެއް ކަމަށާ، ނަމަވެސް އެއީ ޕާޓީގެ އެއްވެސް މަގާމެއް ފުރުއްވި ބޭފުޅެއް ނޫންކަމަށެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރާހުލް ގާންދީ އިތުރަށް ވިދާޅުވީ، ކޮންގްރެސް ޕާޓީގެ އިސް ލީޑަރުންގެ ސަފުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ، އެ ބޭފުޅުންގެ އާއިލީ މެމްބަރުންނަށް އިންތިހާބީ ޓިކެޓް ހޯއްދެއްވުމަށް ރާހުލްއަށް މަޖުބޫރުކުރިވި މެމްބަރުން ކަމަށެވެ.
ވެރިކަން ކުރާ ބީޕޭޖީއަށް ރާހުލް ފާޑުވިދާޅުވިއިރު ކޮންގްރެސް ޕާޓީގެ އިސް ލީޑަރުން ތިއްބެވީ އެފަދަ ކަންކަމުން އެކަހެރިވެވަޑައިގެންކަމަށް ވިދާޅުވެ، ޕްރިޔަންކާ ގާންދީވެސް ވަނީ ކޮންގްރެސް ޕާޓީގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އިންޑިއާގެ އާންމު އިންތިހާބުގައި، ކޮންގްރެސް ޕާޓީއަށް ކާމިޔާބު ކުރެވިފައިވަނީ 542 މެމްބަރުންގެ މައްޗަށް އެކުލެވޭ ލޮކް ސަބާގެ އެންމެ 90 ގޮނޑިއެވެ.